ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުން ނުވަތަ "ވާނުވާ" ބަންދުގައި މިވަގުތުވެސް 350 އާއި 400 އާއި ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ މިކަން ހާމަކުރައްވާފައިވަނީ އެއޮފީހުގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވަމުންނެވެ.
ޖުޑީޝަރީ ކޮމިޓީގެ މިބައްދަލުވުމުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމާއި ގުޅޭގޮތުން މެންބަރުން ވަނީ ސުވާލުކުރައްވާފައެވެ. ޕީޖީ ޝަމީމް ވިދާޅުވީ، "ވާނުވާ" ބަންދުގެ މައްސަލައަށް ބަލާއިރު ޕީޖީ އޮފީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެދެނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.
* ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން
* ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން
* ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން
* ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން
* ފުލުހުން ދޭ މައުލޫމާތަށް ބިނާކޮށް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތަކާއި ގުޅުން އޮންނަ މީހުން
މިމައްސަލަތަކުގެ އިތުރުން މުޖްތަމަޢަށް ނުރައްކަލެއް ކަމަށް ބެލެވޭ މީހުން ޝަރީޢަތް ނިމެންދެން ވާނުވާ ބަންދުގައި ބޭތިއްބުމުގެ ފުރުސަތު އޮތް ނަމަވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އިތުރު މައްސަލަތަކުގައި ބަންދުގައި ބޭތިއްބުމަށް ޕީޖީން ނޭދޭ ކަމަށް ހުސައިން ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައިވެސް އެވްރެޖްކޮށް މަހަކު 16 މީހުން ވާނުވާ ބަންދަށް ޖަހާ ކަމަށް ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ، މިވަގުތު ވާނުވާ ބަންދުގައި ގާތްގަނޑަކަށް 350 އާއި 400 ދެމެދުގެ އަދަކަށް މީހުން އެބަތިބި ކަމަށެވެ. ޤާނޫނުގައި ތަޞައްވަރު ކުރަނީ 6 މަހާއި އެއް އަހަރާއި ދެމެދުގައި މައްސަލަތައް ނިންމުމަށް ކަމަށްވީ ނަަމަވެސް، ޝަރީއަތުގެ ތާވަލް ނުލިބުމާއި ކޯޓުތަކުގެ ވަސީލަތްތަކުގެ ދަތިތަކާއެކު އެގޮތަށް މައްސަލަތައް ނުހިނގާކަން ހުސައިން ޝަމީމް ފާހަގަކުރެއްވިއެވެ.
"ޤާނޫނުގައި އޮންނާނެ ކޯޓުން ތާވަލެއް ދޭން. އެކަމަކު ތާވަލެއް ނުދޭ. މަރުގެ މައްސަލަތަކުގައި 4 އަހަރު 5 އަހަރު މީހުން އެބަތިބި. އެންމެ ދުވަސްވީ މީހަކަށް ހުންނާނީ 4-5 އަހަރު މީހެއް. " ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މައްސަލަތައް ދިގުލައި ދިއުމުގެ ސަބަބުން މައްސަލަތައް ސާބިތުވުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ހުށަހަޅާ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނިމުނު މައްސަލަތަކުގެ ތެރެއިން 16 މައްސަލައެއް ސާބިތު ނުވާކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، މިއަހަރު ހުށަހަޅާ ނިމުނު މައްސަލަތަކުގެ ތެރެއިން ސާބިތު ނުވަނީ އެންމެ މައްސަލައެއް ކަމަށެވެ.
މިފަދަ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެގޮތުން، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަކުވާ ކޮށްގެންވެސް ކޯޓުން މައްސަލަ އަވަސްކޮށްދިނުމަށް އެދިފައިވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ އެމަނިކުފާނުގެ މިއަހަރު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.