ޚަބަރު

އެންސްޕާގެ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމުކުރަނީ


  • އޮފީސް ޤާއިމުކުރުމަށް ސިޓީ ކައުންސިލާއެކު ދަނި މަޝްވަރާކުރަމުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އައްޑޫއަށް ނިސްބަތްވާ މީހުން ގިނަ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ އެކަމުގެ ޕައިލެޓް ޕޮރޮޖެކްޓް އައްޑޫގައި ކުރިއަށްގެންދިޔުމަށް އައްޑޫ ސިޓީ ކައުންސިލާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

ސަރުކާރުގެ ފަރާތުން އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން އަދި ސިއްޙީ ފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި ވަޞީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ މައި އިދާރާއަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއެވެ.

އެއިދާރާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 12900 އަށްވުރެ ގިނަ މީހުން މިދަފްތަރުގައި ރަޖިސްޓަރކޮށްފައިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެންސްޕާގެ ދަފްތަރުގައި އެންމެ ގިނައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަޖިސްޓަރވެފައިވާ އެއް ސަރަޙައްދަކީ އައްޑޫ ސިޓީކަމަށެވެ. އެހެންކަމުން އެއިދާރާގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އެސިޓީގައި އެންސްޕާ އޮފީހެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ގާތްގަނޑަކަށް ހާހަކާއި ގާތްކުރާ މީހުން ނިސްބަތްވަނީ އައްޑޫ ސިޓީއަށް. އެހެންކަމުން މޮނީޓަރކޮށް އެފަރާތްތަކުގެ ޙާލަތު އިވެލުއޭޓްކުރުމަށް ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އެހެންކަމުން މިހާރު އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުންދަނީ އެންސްޕާ އޮފީހެއް ޤާއިމުކުރަން" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އައްޑޫ ސިޓީގައި އެ އެޖެންސީގެ އޮފީސް ޤާއިމުކުރުމަށް މަސައްކަތްކުރާނެ ތަނަކާއި އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް ދާއިމީ މުވައްޒަފުންވެސް ހޯދަންޖެހޭނެކަމަށެވެ. އެކަމަށް ތައްޔާރުވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ފުރަތަމަ ބައްދަލުވުން ބާއްވާފައުވާކަމަށް ހީނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ގިނަ މީހުން ހިމެނޭ ސަރަޙައްދުތަކުގައި އެންސްޕާގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރާނެކަމަށް ހީނާ ވިދާޅުވިއެވެ.

އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލީ ޢިނާޔަތާއި އެފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޢިނާޔަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްވެސް އެންސްޕާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ޙައްގުވެރި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މޮނީޓަރިންގެ މަސައްކަތުގެ ތެރެއިން މިއަހަރުވަނީ ކ. މާފުށީގެ މޮނީޓަރިންގެ މަސައްކަތްކޮށްފައެވެ.