ކުޅިވަރު

ރޮނާލްޑޯ އާއި އެމްބާޕޭގެ ކުރިމަތިލުން، ދަތިވާނީ ދިފާއު ފޫއަޅުވާލަން؟


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލް އާއި ފްރާންސް ކުޑައިރުކޮޅެއް ފަހުން ބައްދަލުކުރާ މެޗަކީ ޔޫރަޕުގެ އެންމެ މޮޅު ދެ ފޯވަޑުންގެ ވަރުގަދަ ކުރިމަތިލުމެކެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އަކީ އެއްގޮތް ކަންތައްތަކެއް ހުރި މޮޅު ދެ ފޯވަޑުންނެވެ.

އެމްބާޕޭގެ ފުޓްބޯޅަ އައިޑޮލް އަކީ ރޮނާލްޑޯ އެވެ. އޭނާ ކުޑައިރު ހިފައިގެން އުޅުނީ ރޮނާލްޑޯ ފޮޓޯތަކެވެ. ކޮޓަރީގައި ތަތްކޮށްފަހުރީ ވެސް ރޮނާލްޑޯގެ ކާމިޔާބީތައް ދައްކުވައިދޭ މަންޒަރުތަކެވެ. ފްރާންސްގެ ސަރުކާރުން ވެސް ދެކޮޅު ހަދަމުންދަނިކޮށް ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން އެމްބާޕޭ ނިންމި މައިގަނޑު އެއް ސަބަބަކީ ވެސް ރޮނާލްޑޯ ފަދައިން ރެއާލް މެޑްރިޑްގެ ތަރިއަކަށްވުމެވެ. އެމްބާޕޭގެ ހިތް ރެއާލަށް ދެވުނު މައިގަނޑު ސަބަބަކީ ވެސް އެކުލަބުގައި ރޮނާލްޑޯ ދެއްކި ޖާދޫތަކާއި ޖެހި މޮޅު ގޯލުތަކާއި ހޯދި ކާމިޔާބީތަކެވެ.

މި ދެ ކުޅުންތެރިން މިރޭ އެކަކު އަނެކަކާ ދެކޮޅަށް ނުކުންނައިރު ރޮނާލްޑޯ އުއްމީދުކުރަނީ މުބާރާތުގައި އެންމެ ދޮށީ އުމުރެއްގައި ގޯލު ޖަހާ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށެވެ. މިއާ ހިލާފަށް ނޭފަތުގެ ކަށިގަނޑުގައި ރެނދުލާފައިހުރުމުން ބެޓްމޭން މާސްކު އަޅައިގެން ހުއްޓަސް އެމްބާޕޭ ނުލައި ފްރާންސަށް ހަމަޖެހުމެއްނެތެވެ. ޓީމުގެ އެންމެ ނުރައްކާތެރި ފޯވަޑަކީ ވެސް އޭނާ އެވެ. އޭނާ ގޯލް ނުޖަހައިފިނަމަ ޓީމު އޮޔާ ހިނގައިދާނެކަން ހުދު އެމްބާޕޭއަށް ވެސް އެނގޭ ކަހަލަ އެވެ. މިއީ ރޮނާލްޑޯގެ ފަހު ޔޫރޯކަން އޭނާ އިއުލާނުކޮށްފައިވާއިރު ޔޫރޯއިން ރޮނާލްޑޯ ރިޓަޔާކުރުވުމުގެ ގާބިލްކަމާއި ހަކަތަ ހުރިހާ ގޮތަކުން ލިބިފައިވާ ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އެއަށްފަހު ދުނިޔޭގެ ފުޓްބޯޅައިން ރޮނާލްޑޯ ހުސްކުރާ ޖާގަ ފޫބައްދާނެ ކުޅުންތެރިއަކީ ވެސް ގިނަ ބަޔަކު އެއްބަސްވާގޮތުގައި ކެރިއަރުގެ އެންމެ އުސްމިނަކަށް އަރަމުން އަންނަ ނޫކަށިފުރައިގެ ފޯވަޑެވެ.

ޕޯޗުގަލް ޓީމަކީ އެޓޭކް އަވަސް ޓީމެކެވެ. އެކަކަށް ނުކުރެވިދާ ކަންކަން ކުރެވޭނެ ގާބިލް އެތައް ކުޅުންތެރިންނެއް ތިބި ޓީމެކެވެ. ގޯލްކީޕަރު ޑިއެގޯ ކޯސްޓާ އަކީ ޓީމު ގަދަ އަށެއްގައި ބާއްވައިދިނުމަށް ސްލޮވީނިއާގެ ތިން ޕެނަލްޓީ ވެސް މަތަކޮށްލި ކުޅަދާނަ ކީޕަރެވެ. ބުރޫނޯ ފެނާންޑޭޒް އާއި ބެނާޑޯ ސިލްވާ ވަރުބަލިވުމުން ކުޅެން ނެރޭ ޑިއެގޯ ޖޮޓާ އަކީ ކުދި ޕާސްތަކާއެކު ނިކަން އަވަހަށް ދެމިގަންނަ ޑިފެންޑަރުން ލައްވައި ގޯސް ހަދުވައި ޕެނަލްޓީ ހޯދަން ފަރިތަ މީހެކެވެ. ނަމަވެސް އުމުރުން 41 އަހަރުގެ ޕެޕޭ އަތުން މެޗުގެ ފަހު މިނިޓްގައި ސްލޮވީނިއާގެ ފޯވަޑް ބެންޖަމިން ސެސްކޯ ހޯދި ފަދަ އެންމެ ބޯޅައެއް ވެސް މިރޭ ދިޔަދީގެންނުވާނެ އެވެ.

އެމެޗުގައި ގޯސް ހެދުނަސް ޕެޕޭ އަށް އޮތް އެއް ހިތްހަމަޖެހުމަކީ މި ފަހަރުގެ ޔޫރޯގައި ފްރާންސަށް ފޯވަޑުންނަކީ ގޯލްޖަހާ ބަޔަކަށްނުވުމެވެ. ވަރުގަދަ ފޯވަޑް ލައިނެއް އޮތަސް ފްރާންސަކީ ގަދަ އަށް ޓީމުގެ ތެރެއިން ދެ ވަނަ އަށް އެންމެ މަދުން ގޯލު ޖެހި ޓީމެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް އޯޕަން ޕްލޭގައި އަދި ގޯލެއް ޖެހިފައިނެތެވެ. މި މަންޒަރަކީ ފްރާންސްގެ ކުރީގެ ތަރިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ކުރީގެ ތަރި ޔޫރީ ޖޮކައެފް ބުނީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕުން ފްރާންސް ކެޓީ ސްޕެނިޝް ލީގާއި ފްރާންސް ލީގާއި އިނގިރޭސި ލީގުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިން ތިބެ، އެންމެ ގޯލެއް ވެސް ނުޖެހި ކަމަށާއި މިފަހަރުގެ ޓީމުގެ ގޯލު ނުޖަހާތީވެ ކުރީގެ ހަނދާންތައް އާވެ ނުތަނަވަސްކަން ވެރިވަމުންދާ ކަމަށެވެ.

އަނެއްކޮޅުން ފްރާންސްގެ ކުޅުންތެރިންނަކީ ކޯޗު ޑިޑިއޭ ޑެޝޯން މިއީ ދުވާލޭ ބުންޏަސް އެކަމަށް ފުރިހަމައަށް ތަބާވާނެ ބައެކެވެ. މި މުބާރާތުގައި ފްރާންސް ކުޅުނު ހަތަރު މެޗުގައި ޑެޝޯން ކުޅުވާފައިވަނީ މުޅިން ތަފާތު ހަތަރު ސްޓައިލަކަށެވެ. ކޯޗު ބުނެފިނަމަ ނުބައި މަގާމަކަށް ކުޅެން ވެސް އެ ކުޅުންތެރިން ތިބެނީ ތައްޔާރަށެވެ. މިއީ ޑެޝޯން އޭނާ ޓީމުގެ ކުޅުންތެރިންގެ ކިބާގައި ހުންނަން ބޭނުންވާ އެންމެ މުހިންމު ސިފަވެސްމެ އެވެ.

މިކަމާމެދު ވާހަކަ ދައްކަމުން ޑިފެންޑަރު ވިލިއަމް ސަލީބާ ބުނީ ފްރާންސް ކުޅޭގޮތުން އިދިކޮޅު ޓީމުތަކަށް ގިނަގުނަ އުނދަގޫތައް ކުރިމަތިވާކަމަށެވެ. ޓީވީން މެޗު ބަލާ މީހުންނަށް އެކަން ފާހަގަނުވިޔަސް ފްރާންސް ޓީމުގެ ޑިފެންސް ކުރަނީ ވަރަށް ކެރިގެން ޖެހިލުންކުޑަކޮށް، ވަރުގަދަ ރޫހަކާއެކުގައި ކަމަށެވެ. އޭގެ ސަބަބުން އިދިކޮޅު ޓީމުގެ މާޔޫސްވެ ރޭވުންތެރިކަން އެހެން ގޮތަކަށް ބަދަލުކޮށްލަން މަޖުބޫރުވާ ކަމަށެވެ.

މިހެންވެ ފްރާންސްގެ ޓީމުގެ ބަލިކުރާނަމަ ރޫޅާލަންވީ ފޯވަޑްލައިނަށްވުރެ ބޮޑަށް އެމީހުންގެ ޑިފެންސްލައިނެވެ. ޓީމުގެ ހިތަކީ ވިލިއަން ސަލީބާ އާއި ޑަޔޮޓް އުޕަމެކާނޯ އަދި ގޯލްކީޕަރު މައިކް އަމައިގްނަން އެވެ. ކޮންމެ މެޗެއްގެ ރެފްރީގެ ފަހު ކަށިގަނޑާއެކު އެމީހުން އުފަލުން ބައްދާލާއިރު އެ ހަރަކާތަށް ނިމުން ގެނުވިގެން ނޫނީ ފްރާންސް ނުހުއްޓުވޭނެ އެވެ.