ކުޅިވަރު

އެމްބާޕޭ އާއި ފްރާންސް ކުޅުންތެރިންގެ ދައްކާ ސިޔާސީ ވާހަކަ!


މި ދުވަސްވަރަކީ ފަރަންސޭސި ވިލާތުގެ އިންތިހާބުގެ ދުވަސްވަރެވެ. ގައުމީ ޓީމު ތިބީ ޖަރުމަނުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އެކަމަކު ބާލިންގެ ހޮޓާތަކުގައި ތިބެގެން އެމީހުން އެދަނީ އިންތިހާބުގެ ނަތީޖާއާ ކުޅެމުންނެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރު ނިމުނީ ޖޫން 30ގަ އެވެ. ދެ ވަނަ ބުރު އޮންނާނީ ޖުލައި7ގަ އެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ ތާއީދު އޮތީ މިހާރުގެ ރައީސް އެމެނުއަލް މާކޮން އާއި އޭނާގެ ޕާޓީއަށެވެ. އެކަމަކު ފުރަތަމަ ބުރުން މާކޮން ދިޔައީ ތިން ވަނަ އަށެވެ. އެންމެ ކުރީގައި އުޅެނީ ގިނަ ކުޅުންތެރިން އެބަޔަކާ ދެކޮޅަށް ކެމްޕޭން ކުރަމުންދާ ކަނާތު ފިޔައިގެ ނެޝަނަލް ރެލީ އެވެ.

އިންތިހާބާ ބެހޭ ގޮތުން ފާޅުގައި ސިޔާސީ ވާހަކަ ދައްކައި ހެދީ މިހާތަނަށް ފަސް ކުޅުންތެރިއެކެވެ. އެއީ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އޮސްމާނޭ ޑެމްބެލޭ އާއި އޮލީވިއާ ޖީރޫޑާއި ބެންޖަމިން ޕަވާޑް އަދި ހޫލްސް ކޫންޑޭ އެވެ. މީގެ ތެރެއިން ފުރަތަމަ ބުރަށްފަހު ނަތީޖާއާ ބެހޭ ގޮތުން ވާހަކަ ދެއްކީ ވެސް ބާސެލޯނާގެ ކަނާތު ބެކް ކޫންޑޭ އެވެ. ނެޝަނަލް ރެލީއާ ދެކޮޅު ހަދައި އޭނާ ބުނީ ގައުމުގެ މިސްރާބު މިދަނީ ގޯސްކޮށް ކަމަށާއި އިންތިހާބުގައި ކާމިޔާބު ހޯދަމުން އެދަނީ ތިމަންނަމެން ގަބޫލުކުރާ އުސޫލުތައް މުރުގަމުންދާ ބައިގެ މީހުން ކަމަށެވެ.

ގަދަ 16ގެ ކުރިން ކޫންޑޭ ދީފައިވާ މި ދެއްކި ވާހަކައަކީ ފްރާންސްގެ ޒުވާނުންނަށް ދީފައިވާ ވަރުގަދަ މެސެޖެކެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި ޔުނިވަރސިޓތަކުގެ ޕްރޮފެސަރުން ވެސް ބުނަމުންދަނީ ކުޅުންތެރިން ސިޔާސީ ބަސް ބުނަމުންދަނީ އެމީހުންގެ އުމުރުފުރަ އާއި އެމީހުންގެ މަޝްހޫރުކަން ބޭނުންކޮށްގެން ގިނަ ބައެއްގެ ހިތްތަކާ ކުޅެލުމުގެ ގޮތުން ކަމަށެވެ މިވާހަކަ ތެދުވަނީ އެމްބާޕޭ އާއި ޑެމްބެލޭގެ އިތުރުން މާކަސް ތުރަމް ޓީމުގެ އެހެން ކުޅުންތެރިން ވޯޓު ލުމަށް ނަސޭހަތެތްރިވުމާއި އެކަމަށް ބާރުއަޅާފައިވާތީ އެވެ.

ސިޔާސީ ވާހަކަތަކުގައި އެންމެ އަރާހުރި އެއް ކުޅުންތެރިއަކީ މާކަސް ތުރަމް އެވެ. އޭނާ ބުނީ މަގުމަތިން މުޒާހަރާކޮށްގެންނާއި ޕްރެޝަރުކޮށްގެން އެއްވެސް ބަޔަކު މޮޅުވާން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އޭނާފަދަ ރައްޔިތުން އަބަދުވެސް ޖެހެނީ ކޮންމެވެސް ކަމަކާ އާދޭސް ކުރަން ކަމަކަށާއި ކަނާތު ފިޔައިގެ ނެޝަނަލިސްޓުން ކަމަށްވާ ނެޝަނަލް ރެލީ މޮޅުވާން ބޭނުންނުވާ ކަމަށެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ނަން ނުބުނެ އެމްބާޕޭ ނެދަލޭންޑްސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވަނީ ތުރަމް ދެއްކި ވާހަކަތަކަށް ތާއީދުކޮށްފަ އެވެ. އޭނާ ބުނީ ތުރަމް ފަދައިން އޭނާ ވެސް ވަކާލާތު ކުރަނީ ހަޖަމްކުރުމަށާއި ހަމަހަމަކަމާއި އިހްތިރާމް ދިނުމަށް ކަމަށެވެ.

ނުސީދާކޮށް ނެޝަނަލިސްޓުނަށް ބަހުގެ ހަމަލާދެމުން އެމްބާޕޭ ބުނީ ހައްދުފަހަނައެޅި މީހުން މިހާރު އެތިބީ ބާރުތަކުގެ ގޭޓް ކުރިމަތީގައި ކަމަށެވެ ނަމަވެސް އޭނާ އާއި އޭނާފަދަ އެހެން މީހުންގެ އަގު ވަޒަން ނުކުރާ ބަޔަކު ތަމްސީލުކުރާ ގައުމަކަށް ހިދުމަތް ކުރަން ވެސް ބޭނުންނުވާ ކަމަށެވެ. މިއީ ނެޝަނަލިސްޓުން ވެރިކަމަށް އައިސްފިނަމަ ގައުމީ ޓީމަށް އަލްވަދާއު ކިޔާ ވާހަކައަށް ނުވެދާނެ އެވެ. އެ ވާހަކައިގައި އަސްލު ފޮރުވާފައިވަނީ އެވަނީ ސްމޯކް ސްކްރީނަކުންނެވެ.

ކުޅުންތެރިންގެ ސިޔާސީ ވާހަކަތަކާ ގުޅިގެން ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ކުޅުންތެރިންނަށް ވެސް އެމީހުން ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސިޔާސީ ކަމެއް އެހެން ކަމެއް ތަފާތެއް ނުވާނެ ކަމަށެވެ.

ފޯވަޑް މާކަސް ތުރަމް ސިޔާސީ ވާހަކަ ދެއްކުމަކީ ހައިރާން ވާންވީވަރުގެ ކަމެއްނޫނެވެ. އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލިލިއަމް ތުރަމް އަކީ ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހެކެވެ. ޖެމެއިކާގެ ސިވިލް ރައިޓްސްގެ އެކްޓިވިސްޓެކެވެ. ބައްޕަ ފަދައިން ތުރަމް ވެސް ދަނީ އިހުގައި ފްރާންސްގައި އޮތް ނަސްލީ ތަފާތުކުރުމުގެ ވާހަކަތައް ތަކުރާރުކުރަމުންނެވެ.

އެމްބާޕޭ ސިޔާސީ ވާހަކަ ދެއްކި އަޑުއަހާފައި އެންމެ ހައިރާންވި މީހަކީ ސޯޝަލިސްޓުންގެ ކުރީގެ މޭޔަރު ބޮންޑީ ސިލްވީން ތޮމްސަން އެވެ. ސިލްވީން އަކީ އެމްބާޕޭގެ މަންމަ ފައިޒާ ލަމާރީގެ ގާތް ރައްޓެއްސަކަސް އެމްބާޕޭ ސިޔާސީ ވާހަކަ ދައްކައި އުޅޭކަން ސިލްވީން މީގެ ކުރިއަރުން ނުދެނެހުއްޓެވެ.

އެކަމަކު އެމްބާޕޭ ސިޔާސީ ކޮންމެ ލަފުޒެއް ވެސް ބުންޏަސް އެކަމުގެ ފަހަތުގައި ހުންނާނެ މީހަކީ ރައީސް މާކޮން ކަމަށް ގިނަ ބަޔަކު ޔަގީން ކުރެ އެވެ. އެމްބާޕޭ އަކީ ދޫފަރިތަ މީހަކަށްވުމުން ސިޔާސީ ވާހަކަ ދައްކައި އުޅުމަކީ އޭނާ ވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އުމުރުން މިހާރު 25 އަހަރުގެ ކުޅުންތެރިޔާ އަށް ސިޔާސަތަކީ ކޯއްޗެއްކަމާއި ސިޔާސީ ވާހަކަ ދަސްކޮށްދިނީ ވެސް މާކޮން އެވެ. އެއީ އުމުރުން އެންމެ 19 އަހަރުގައި ރިއާސީ ގަނޑުވަރަށް ގޮންގޮސްގެނެވެ. އޭގެ ފަހުން މާކޮންއާ ވަރަށް ގާތްކޮށް އުޅެ، އެމްބާޕޭ އަކީ ގިނަގިނައިން ރިއާސީ ގަނޑުވަރާއި ރައީސާއެކު ގިނަ ބައްދަލުވުންތަކުގައި ބައިވެރިވާ ޝަހުސިއްޔަތެކެވެ.

އެމްބަޕޭ ސްޕޭނުގެ ރެއާލް މެޑްރިޑަށް ދާން މާކޮން ބޭނުންނުވީ ވެސް ސިޔާސީ ސަބަބަށްޓަކަ އެވެ. އެކަމަކު މާކޮންގެ އެދުމަށް ހުރަސް އަޅައި އެމްބާޕޭ ރެއާލް އަށް ބަދަލުވުމުން އޭނާ ވަނީ ރެއާލްގައި ތިބި ފްރާންސްގެ ކުޅުންތެރިން ގައުމު ތަމްސީލުކުރަން ހުރަސް ނޭޅުމަށް އެކުލަބުގެ ރައީސަށް ގޮވާލައި ސިޔާސީ ފިކުރު އިސްކޮށްފަ އެވެ.

މާކޮން އެންމެ ފަހުން އެމްބާޕޭ އަށް ދައުވަތުދިނީ މިދިޔަ ފެބްރުއަރީ މަހު ގަތަރު އަމީރު ޝައިހް ތަމީމް ފްރާންސަށް ކުރެއްވި ދަތުރުފުޅުގެ ހާއްސަ ފަރިކޮޅުގައި ބައިވެރިވުމަށެވެ. ބުނެވޭ ގޮތުގައި ގަތަރުގެ ބެއިން ސްޕޯޓްސްއިން ފްރާންސްގެ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެ އެވިޔަފާރީގެ ފައިދާގެ ބައެއް އެމްބާޕޭއަށް ދޭން ހުށަހެޅީ ވެސް އެ ބައްދަލުވުމުގަ އެވެ. ބޭނުމަކީ ގަތަރުގެ މަހުޖަނުން ހިންގާ ފްރާންސްގެ ޕީއެސްޖީގައި އެމްބާޕޭ ބަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއްކުރުމެވެ.

މާކޮންއާ ގުޅީގެން މާއަނގަ ގަދަވެގެން އުޅޭތީވެ ނެޝަނަލް ރެލީގެ ނާއިބް ރައީސް ސެބަސްޓިއަން ޗެނޫ އެމްބާޕޭގެ އަށް ރައްދުދޭން ފެށީ ވަރަށް ފަހުންނެވެ. ޗެނޫ ވިދާޅުވީ ހިމޭނުން ތިބެންޖެހޭ މީހުން ގައުމުގައި ހިނގާ ކަންކަމުގެ ހަގީގަތް ނޭނގި ކަންކަމުގައި ގޮތްކިޔަން ވާހަކަ ދެއްކުން ބަލައި ނުގަނެވޭނެ ކަމަށެވެ.

އެކަމަކު ފްރާންސްގައި ފުޓްބޯޅަ ކުޅުންތެރިން ސިޔާސީ ވާހަކަ ދެއްކުމަކީ އާކަމެއްނޫނެވެ. ކުރީގެ ގައުމީ ކެޕްޓަން އަދި 1998ގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން މިޑްފީލްޑަރު ޒައިނުއްދީން ޒިދާނަކީ މިފަދަ މިސާލެކެވެ. 2002 ވަނަ އަހަރު އޭނާ އެދުނީ ރިއާސީ އިންތިހާބުގައި ފްރާންސްގެ ރައްޔިތުން ނެޝަނަލް ރެލީގެ ރިއާސީ ކެނޑިޑޭޓް ޖީން މޭރީ ލެޕެން އަށް ވޯޓު ނުދިބުމަށެވެ.

ޒިދާން ފަދައިން އެމްބާޕޭ ވެސް ނެޝަނަލް ރެލީއާ ދެކޮޅަށް ދިން މެސެޖަކީ ޒުވާނުންގެ ވޯޓު ސަރުކާރަށް އަނބުރާލުމުގެ އުކުޅެކެވެ. ނަމަވެސް ނެޝަނަލް ރެލީގެ ޒުވާން ރައީސް އުމުރުން 28 އަހަރުގެ ޖޯޑަން ބާޑެއްލާ އަކީ ޓިކެޓޮކްގެ މަޝްހޫރު މޫނެކެވެ. އޭނާގެ ޕާޓީން ވަނީ 18 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ ވޯޓުގެ 25 އިންސައްތަ ކާމިޔާބުކޮށްފަ އެވެ. މިހެންވެ އެމްބާޕޭ އާއި ތުރަމްގެ ހަމަލާތަކުންވި ފައިދާ އަކީ ކޮބައިބާ އެވެ؟