ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ފްރާންސާ ދެކޮޅަށް ނިކުތުމުގެ ކުރީން، ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ، ޕޯޗުގަލް ޓީމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުން އެނގިގެންދަނީ ގައުމީ ޓީމަށް މީހުން ޝައުގުވެރިކަން އޮންނަ މިންވަރު ކަމަށާއި، އެއީ ގަބޫލުކުރެވޭ ކަމެއް ކަމަށެވެ. އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.
މާޓިނޭޒް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މީހުން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް އޭނާ ގަބޫލުކުރާ ގޮތުގައި ޕޯޗުގަލް ޓީމުގައި ވަރަށް މުހިއްމު ކުޅުންތެރިން އެބަތިބި ކަމަށާއި، ވާދަވެރި ޑްރެސިންގެ ރޫމެއް އެބައޮތް ކަމަށް ވެސް މާޓިނޭޒް ބުނެފައިވެއެވެ. އަދި އޭނާގެ މަސައްކަތަކީ ޕޯޗުގަލްގެ ހުރިހާ ކުޅުންތެރިންނަށް ވީހާވެސް ރަނގަޅު ކުޅުމެއް ދެއްކުމަށް މަގުފަހިކޮށްދިނުން ކަމަށާއި، އެކަން އެގޮތަށް ކޮށްދޭނެ ކަމަށް ސަޕޯޓަރުންނަށް ވަޢުދުވާ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.
ޕޯޗުގަލް ޓީމުން އަބަދުވެސް ކަންކަން ރަނގަޅުކުރަން ބޭނުންވާ ކަމަށާއި، އެކަމަކުވެސް ކޮންމެ މެޗަކަށް ނިކުންނައިރު މާގިނަ ކަންތައްތަކެއް ބަދަލުކުރަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.
މުބާރާތުގައި ލަނޑުޖެހުމުގައި ޕޯޗުގަލް ޓީމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން މާޓިނޭޒް ބުނީ، މި ފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ފެންނަނީ ވަރަށް ވާދަވެރިކޮށް، އުނދަގޫކޮށް ކަމަށާއި، ކޮންމެ މެޗެއްގައި ވެސް ފުރަތަމަ ގޯލްޖެހުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އޭނާގެ ޓީމުން ގިނަ ރިސްކްތަކެއް ނަގާ ކަމަށް ވެސް މާޓިނޭޒް ފާހަގަކުރިއެވެ.
އޭނާގެ ޓީމުން ގިނަ ކަންތައްތަކެއް ރަނގަޅަށް ކުރަމުން އަންނަ ކަމަށާއި، އަދިވެސް އެކަންތައް ކުރަމުން ގެންދަންޖެހޭ ކަމަށާއި، ރަނގަޅުކުރެވެން ހުރި ކަންތައް ރަނގަޅު ކުރާނެ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.
ކުއާޓާ ފައިނަލްގައި ވާދަކުރުމާ ބެހޭގޮތުން މާޓިނޭޒް ބުނީ، މިއީ ގައުމީ ޓީމުގެ ކޯޗެއްގެ ހައިސިއްޔަތުން ވަރަށް މުހިއްމު ވަގުތުކޮޅެއް ކަމަށާއި، އެއީ ދާއިމީކޮށް ދެމިގެންދާނެ ހަނދާންތަކެއް އުފެއްދުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމަކީ ހަނދާނެއް ކަމަށާއި، އެއީ އެހެން ޖީލަކަށްވާއިރު މިހާރުގެ ޖީލާ އަޅާކިޔުން ރަނގަޅު ނުވާނެ ކަމަށް މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ވަނީ، ޕޯޗުގަލްގެ މިހާރުގެ ޖީލުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި، މިހާރުގެ ޖީލު ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަން އޮތް ޖީލުތައް މޯޓިވޭޓްކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.
ފްރާންސާ ދެކޮޅަށް ބޭނުންވަނީ ރަނގަޅު، ރީތި ފުޓްބޯޅައެއް ކުޅެން ކަމަށާއި، ލަނޑުޖަހަން ކަމަށް މާޓިނޭޒް ބުންޏެވެ. މިހާތަނަށް އެންމެ ފުރިހަމަ ފުޓްބޯޅައެއް ކުޅެވިފައިނުވީނަމަސް އަބަދުވެސް މަސައްކަތްކުރަނީ އެންމެ ރަނގަޅު ކުޅުމެއް ދަނޑުމަތީގައި ދެއްކުމަށް ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.
ފްރާންސާ ޕޯޗުގަލް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.