ޚަބަރު

ޖަރުމަނުގައި ޖަރުމަނު ކަޓުވާލާ، ސްޕެއިން ސެމީ ފައިނަލަށް


  • []

ޖަރުމަނުގައި ޖަރުމަނު ކަޓުވާލާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ. ސެމީފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމް ސްޕެއިން އަކީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ.

ސްޕެއިން ސެމީފައިނަލްގެ ޖާގަ ހޯދީ ކްއާޓާ ފައިނަލް މެޗުގެ 90 މިނިޓް 1-1 ން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ދެވަނަ ހާފް ނިމެނިކޮށް ޖެހި ލަނޑާއެކު 2-1 ން ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ސްޕެއިންއެވެ. ސްޕެއިން އަށް ލީޑް ނަގައިދިނީ ޑެނީ އޮލްމޯ އެވެ. ޔަމާލް އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ނަގައިދިން ބޯޅަ އޮލްމޯ ވަނީ އެއްފަހަރުން ޖަހާ ތިރިން ގޯލްގެ ކަނަށް ފޮނުވާލާފައެވެ. އޮލްމޯ 51 ވަނަ މިނިޓްގައި ލަނޑު ޖެހީ 8 ވަނަ މިނިޓްގައި ޕެޑްރީގެ ބަދަލުގައި ކުޅެން ނިކުމެވެ. އެއީ ޕެޑްރީއަށް އަނިޔާގެ ކޯޗު ގެނައި މަޖުބޫރު ބަދަލެކެވެ. ޓޯނީ ކްރޫޒް ކުރި ޓެކްލަށް ރީނދޫ ކާޑް ނުދެއްކުމުން މެޗުގެ އެނަލިސްޓުންނާއި ކޮމެންޓޭޓަރުންވެސް ވަނީ ފާޑުކިޔާފައެވެ. އެކަމަކު ދެވަނަ ހާފްގައި ކުރި އެހެން ފައުލަކަށް ކްރޫޒްއަށް ރީނދޫ ކާޑެއް ދެއްކި އެވެ. މިއީ މުބާރާތުގައި ޔަމާލްގެ 3 ވަނަ އެސިސްޓެވެ. މިއާއެކު 16 އަހަރުގެ ކުޅުންތެރިޔާ ވެފައިވަނީ ޔޫރޯއާއި ވަރލްޑްކަޕްވެސް ހިމެނޭ ގޮތަށް އެއް މުބާރާތުގައި ތިން އެސިސްޓް ކުރި ފުރަތަމަ ޓީނޭޖް ކުޅުންތެރިޔާ އަށެވެ. މެޗުގެ ދެވަނަ ހާފްގައި ޔަމާލްވެސް ވަނީ ބަދަލުކޮށްފައެވެ.

ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ގިނަ ބަދަލުތަކެއް ގެނައުމަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ފްލޯރިއަން ވިއެޓްޒް އެވެ. އަރިމަތީ ދަނޑި ކައިރިން ކިމިޗް ބޮލުން ގޯލް އޭރިޔާ ބޭރަށް ޖައްސާލި ބޯޅަ ވިއެޓްޒް އެއްފަހަރުން ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ފަހު މިނިޓްގައި މެޗުން މޮޅުވާން ޖަރުމަނަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެކަމަކު ގޯލްއޭރިޔާ ތެރެއިން މުލާ ޖައްސާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ސްޕެއިންއިން ސެމީފައިނަލް ޔަގީން ކުރީ 90 މިނިޓް 1-1 ން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ދެވަނަ ހާފް ނިމެނިކޮށް ޖެހި ލަނޑުންނެވެ. ސެމީފައިނަލަށް ގެންގޮސްދިނީ 80 ވަނަ މިނިޓްގައި ކުޅެން ނިކުއިން މެރީނޯ އެވެ. 118 ވަނަ މިނިޓްގައި އޮލްމޯ ނަގައިދިން ހުރަސް އޭރިޔާ ތެރެއިން މެރީނޯ ބޮލުން ގޯލްގެ މަތީ ކަނަށް ފޮނުވާލިއިރު ޑިފެންޑަރ ރުޑިގާ ހުރީ ބަލަހައްޓައިގެންނެވެ.

މެޗުގެ 90 މިނިޓްގެ ތެރޭގައި ދެޓީމަށްވެސް ލަނޑު ޖަހަން ފުރުޞަތު ލިބުނެވެ. އެކަމަކު ނުރައްކާތެރި އެޓޭކްތައް ފެނުނީ ޖަރުމަނުގެ ފަރާތުންނެވެ. ފުރަތަމަ ފުރުޞަތު ތަނަވަސްކުރީ ސްޕެއިންއެވެ. އަނިޔާވެގެން ބަދަލުކުރުމުގެ ކުރިން ފުރަތަމަ މިނިޓްގައި ޑީއޭރިޔާ ތެރެއިން ޕެޑްރީ ފޮނުވާލި ބާރެއް ނެތް ބޯޅަ ލިބުނީ ކީޕަރަށެވެ. އަނިޔާވެގެން21 އަހަރުގެ ޕެޑްރީ ބަދަލުކުރީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. މިއީ ޕެދްރީ ސްޕެއިން ގައުމީ ޓީމަށް ކުޅޭ ބޮޑު ތިންވަނަ މުބާރާތެވެ. އެކަމަކު މިމުބާރާތުގައި ދެން އޭނާއަށް ނުކުޅެވޭނެއެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ޕެޑްރީއަށް ވަނި 9 ފަހަރު އަނިޔާވެފައެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ.

ސްޕެއިންގެ ދެވަނަ އެޓޭކަކީ 14 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމެވެ. ޑީއޭރިޔާ ބޭރުން ޔަމާލު އަށް ފޮނުވާލެވުނީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ޑީއޭރިޔާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފްގައި ޖަރުމަނުގެ ފުރަތަމަ ހަމަލާ އަކީ 20 ވަނަ މިނިޓްގައި ކައި ހާވާޓްޒް އަށް ލިބުނު ފުރުސަތެވެ. ކިމިޗް ނަގައިދިން ހުރަސް އޭރިޔާ ތެރެއިން ބޮލުން ފޮނުވާލެވުނީ ސީދާ ގޯލްގެ މެދަށެވެ. ފަސޭހައިން އެބޯޅަ ކީޕަރު އަތަށް ނެގިއެވެ. އޭގެ ދެ މިނިޓް ފަހުން ސްޕެއިންގެ ޑިފެންޑަރ ލަޕޯޓް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަވެސް ދިޔައީ ތިރިތިރިން ގޯލްގެ މެދަށެވެ. އެބޯޅަ މަތަކުރަން ކީޕަރު ނޯޔާ އަށް އުނދަގުލެއް ނުވިއެވެ.

ޖަރުމަނުގެ ޑިފެންޑަރ ރުޑިގާ 34 ވަނަ މިނިޓްގައި ފަހަތުން ދިން ދިގު ބޯޅައެއް އޭރިޔާ ތެރެއިން ޑިފެންޑަރު ކައިރިން ނައްޓާފަ ކައި ހާވާޓްޒް ފޮނުވާލުމުންވެސް ކީޕަރު ދިފާއު ކުރިއެވެ. ޖެހިގެން އައި މިނިޓްގައި ނިކޯ ވިލިއަމް ގޯލްއޭރިޔާ ކަނާ ހަމައިން ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. 38 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން އޮލްމޯ ފޮނުވާލި ބޯޅަ ކީޕަރުން އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އޭރިޔާ ތެރެއިން މޮރާޓާއަށް ލިބުނު ނަމަވެސް ގޯލަށް ފޮނުވާލާނެ ފުރުޞަތެއް ނުލިބުނެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައިވެސް ފުރުރޞަތު ހޯދީ ސްޕެއިން އެވެ. އޭރިޔާ ތެރޭ ހުރެ ޔަމާލް މޮރާޓާއަށް ބޯޅަ ޖައްސާލުމުން ގޯލްއޭރިޔާ ރޮނގު ބޭރުން ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލެވުނީ ހުރަސް ދަނޑި މަތިން ބޭރަށެވެ. 69 ވަނަ މިނިޓްގައި ޖަރުމަނުގެ ނުރައްކާތެރި ފުރަތަމަ އެޓޭކް ފެނުނެވެ. އެކަމަކު ޑީއޭރިޔާ ތެރެއިން ތިރިން ރޮބާޓް އެންޑްރިޗް ފޮނުވާލި ބާރު ބޯޅަ ކީޕަރު ސިމޯން ހުށިޔާރުކަމާއެކު ދިފާއުކުރި އެވެ. ފްލޯރިއަން ވިއެޓްޒް 76 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ނިކްލަސް ފުލްކުރަގް އަށް ޖައްސާލި ބޯޅަ އެއްފަހަރުން ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މިއީ މުޅި މެޗުގައިވެސް ފެނުނު އެންމެ ނުރައްކާތެރި އެޓޭކެވެ.

އޭގެ ފަހުން ފެނުނީ 81 ވަނަ މިނިޓްގައި ސްޕެއިން ކީޕަރު ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން ކައި ހާވާޓްޒް ފޮނުވާލި ނުރައްކާތެރި ބޯޅައެވެ. ފަހަތުން ކީޕަރު ފޮނުވާލި ބޯޅަ ލިބުނީ ސީދާ ކައި ހާވާޓްޒް އަށެވެ. އެކަމަކު ކީޕަރު ބޯމަތިން އޮއްސާލަން ކައި ހާވާޓްޒް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރެވެ. އެބޯޅަ ކީޕަރު ފޮނުވާލީ މެޗު ލަސްކުރަނީ ކަމަށް ބަލާ ރެފްރީ ރީނދޫ ކާޑެއްވެސް ދެއްކި ފަހުން ނެވެ. 85 ވަނަ މިނިޓްގައި ވެސް ޖަރުމަނަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. ޓޯނީ ކްރޫޒް ހިލޭ ޖެހުމުން އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ގޯލްއޭރިޔާ ތެރެއިން ކައި ހާވާޓްޒް ބޮލުން ފޮނުވާލުމުން ކީޕަރު ސިމޯން ދިފާއުކުރީ އެވެ.

ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ވެސް ފެނުނީ ޖަރުމަނު ގިނަ ފުރުޞަތު ހޯދި ތަނެވެ. އެގޮތުން ފުރަތަމަ ހާފްގައި ޖަރުމަނުން ދެ ފުރުޞަތެއް ހޯދިއެވެ. 100 ވަނަ މިނިޓްގައި މުސިއާލާ އަރިމަތިން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ގޯލް އޭރިޔާ ކަނާދިމާލުން ފޮނުވާލި ބާރު ބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި މުސިއާލާ ނަގައިދިން ބޯޅަ ޑީއޭރިޔާ ތެރެއިން ވިއެޓްޒް ފޮނުވާލުމުން ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. 116 ވަނަ މިނިޓްގައި ޖަރުމަނުގެ ކިމިޗް އޭރިޔާތެރެއަށް ދިން ބޯޅަ ނިކްލަސް ފުލްކްރަގް ވެއްޓިގެންފަ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއެވެ.

ސްޕެއިން އިން ލީޑް ނެގި ފަހުން ލީޑް ފުޅާކުރަން ފެރަން ޓޮރޭޒް އަށްވެސް ފުރުޞަތު ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. އެންމެ ފަހުވަގުތު މުސިއާލާ އަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުޞަތަށް ސްޕެއިން ޑިފެންޑަރ ކަވާޚާލް ހުރަސް އެޅީ ފައުލަކާއެކު ރަތްކާޑެއް ހޯދައިގެންނެވެ. ރަތްކާޑް ދެއްކި އިރުވެސް އޭނާ ހުރީ ދެ ރީނދޫ ކާޑާއެކު ސެމީފައިނަލް މެޗަށް ސަސްޕެންޑް ވެފައެވެ.

ސެމީފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ޕޯޗްގަލް އާއި ފްރާންސް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.