ޚަބަރު

ފްރާންސުން ސެމީ ފައިނަލް މެޗު ފަސޭހަކޮށްނުލާނެ، ބޭނުންވަނީ ތަށި!


ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން 3-5 އިން ޕޯޗުގަލް އަތުން މޮޅުވި މެޗަށްފަހު ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ، ފްރާންސުން ފަހަކަށްއައިސް ބޮޑެތި މުބާރާތްތަކުގެ މި ހިސާބަށް ދަތުރުކޮށްފައިވާއިރު، މި މުބާރާތުގައި ސެމީ ފައިނަލަށް ދަތުރުކުރިނަމަވެސް ފަސޭހަނުކޮށްލާނެ ކަމަށާއި، ކުއާޓާ އަށް ދެވުމުން ވެސް އޭނާ އުފާވި ކަމަށާއި، މިހާރުގެ އަމާޒަކީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުނީ، ޕޯޗުގަލްއާ ދެކޮޅަށް ފެނިގެންދިޔައީ ވަރަށް ވާދަވެރި، އެއްވަރުގެ މެޗެއް ކަމަށާއި، އެ މެޗުގެ ނަތީޖާ ކޮންމެ ކޮޅަކަށް ވެސް ބުރަވެގެންދިއުމުގެ ފުރުޞަތު އޮތް ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

އޭނާގެ ޓީމުން ވަރުބަލިކަން ފެނުނުނަމަވެސް ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ބޭނުންވާ ގޮތަށް ނެރެދިނުމަށް ހުރިހާ ކުޅުންތެރިން ވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ، މެޗުން ހޯދީ ކާމިޔާބީއަށްޓަކައި ޓީމާ މެދު ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މެޗުގެ އިތުރުވަގުތުގެ ފަހު ހާފަށް ނިކުތްއިރު ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ބަދަލުކުރީ އޭނާގެ ފަރާތުން މާބޮޑަށް ވަރުބަލިކަން ފެނިގެންދިއުމުން ކަމަށާއި، އެހެން އެކަން ކުރަން އޭނާ އަށް ފަސޭހަނުވި ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

އެމްބާޕޭ އަކީ ޕެނަލްޓީ ޖަހާ ކުޅުންތެރިއަކަށްވިޔަސް އެގޮތަށް އެ ހާލަތުގައި ދަނޑުމަތީގައި ބެހެއްޓުމަށްވުރެ އެ ވަގުތު އެންމެ މުހިއްމުވީ، އައު ކުޅުންތެރިއަކު ކުޅެން ނެރުވުން ކަމަށާއި، އަދި އެއީ މާބޮޑު ކަމެއް ނޫން ކަމަށް ނިންމާލަމުން ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

މުބާރާތުގެ ސެމީގައި ސްޕެއިނާ ދެކޮޅަށް ފްރާންސް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ މި މަހުގެ 9 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.