ޚަބަރު

ޕޯޗުގަލް މޮޅުވުން ހައްގު، މިއީ ހިތާމައެއް: މާޓިނޭޒް


"
އަހަރެމެން ބަލިވިޔަސް، ބަލިވީ ފަޚުރުވެރިކަމާއެކު. ކޮންމެ މިނެޓެއްގައި ވެސް ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވަނީ.
ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީޖަހައިގެން ފްރާންސް އަތުން 5-3 އިން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނީ، މެޗުން ޕޯޗުގަލް މޮޅުވުން ހައްގު ކަމަށާއި، މިއީ ވަރަށް ހިތާމަވެރި ވަގުތުކޮޅެއް ކަމަށާއި، އެކަމަކު އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އެމީހުން ފަޚުރުވެރިވާން ޖެހޭ ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ބުނީ، އޭނާގެ ޓީމުން ރަނގަޅަށް ކުޅެ، ލަނޑުޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކޮށްފައިވާ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ވަނީ، ޕޯޗުގަލް ޓީމުގެ ވަކި ވަކި ކުޅުންތެރިންގެ ހުރި ހުނަރުވެރިކަން އެންމެންނަށް ހާމައަށް ފެންނާން އޮންނާނެ ކަމަށާއި، އެންމެން އެއްބައިވަންތަ ކަމާއެކު އެއް ރޫޚެއްގައި ދެއްކި ކުޅުމުން، ތަކުލީފުތަކާ ކުރިމަތިލައި އަބަދުވެސް މޮޅުވުމުގެ ޝައުގުވެރިކަން އޮތްކަން ދަނޑުމަތީގައި އެ ކުޅުންތެރިން ދައްކުވައިދީފައިވާ ކަމަށް ބުނެފައެވެ.

މާޓިނޭޒް ބުނީ، މެޗުން ޕޯޗުގަލް ބަލިވިނަމަވެސް އެ ޓީމު ބަލިވީ ފަޚުރުވެރިކަމާއެކުގައި ކަމަށާއި، ކޮންމެ މިނެޓެއްގައިވެސް އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވަނީ އެ ގައުމުގެ ސްޓައިލްގައި ކަމަށެވެ.

އަދި މިހާ ހިސާބުން އެމީހުންގެ މަސައްކަތް ނިމުނީ ނޫން ކަމަށާއި، ކުރިއަށް އޮތް ތާނގާއި ވެސް ހުރިހާ ކުޅުންތެރިންވެސް އެންމެ ފުރިހަމަ އަށް މަސައްކަތްކުރަމުންދާނެ ކަމަށް ވެސް ނިންމާލަމުން މާޓިނޭޒް ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު، ޕެޕޭ ބުނީ، އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި، ކޯޗުގެ އިރުޝާދާ އެއްގޮތަށް އެންމެން ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ނަތީޖާ ބަދަލުކޮށްލަން ފުރުޞަތުތައް ލިބިގެންދިޔަ ކަމަށާއި، މެޗު ކުޅުނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް ވެސް ޕެޕޭ ވަނީ ބުނެފައެވެ.