ޚަބަރު

ކުދިކުށްކުރާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދޭން މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ


  • ޖަލަށް ލާ ކޮންމެ މީހަކު އިތުރު ކުށްތަކަށް ހުށަހެޅިގެންދޭ

  • ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކޮށްގެން ޕްރޮގްރާމް ކުރިއަށްގެންދާނެ

ކުދި ކުށް ކޮށްގެން ޖަލަށްލާ މީހުން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނުވަތަ މުޖުތަމޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޖަލުތަކުގައި ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ނުގެނެސް ޖަލަށް ލާ ކޮންމެ މީހަކު އިތުރު ކުށްތަކަށް ހުށަހެޅިގެންދާ ކަމަށެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުދި ކުށްތަކަށް އަރައިގަންނަ މީހުން، މޯލްޑިވްސް ކަރެކްޝަންސްއާއި ގުޅިގެން، ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކޮށްގެން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރިހެބިލިޓޭޝަންއަށް ޖަލަށް ކުދި ކުދި ކުށްތަކަށް ލެވޭ މީހުންނަށް މިހާރު ޕްރެކްޓިސް ކުރަން ފަށަން މި އުޅޭ މޮޑެލް އަކީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަނަށް އެމީހުން ބަދަލުކުރުން. އަސްލު ޖަލުގައި ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ނުގެނެސް ޖަލަށް ލާ ކޮންމެ މީހަކު އެބަ އެކްސްޕޯޒް ކުރެވޭ ކްރޮސް ކްރައިމްސްއަށް އަދި ޖަލު ތެރޭގެ އެހެނިހެން ކަންކަމަށް އަރައިގަތުމަށް. މިހާރު އަޅުގަނޑުމެން ވާނެ ޕްރިޒަންސްއަށް އަންގާފައި ކައުންސިލްތަކާއި މަޝްވަރާ ކޮށްގެން، ކައުންސިލްގެ ބެލުމުގެ ދަށުން ޤާނޫނުން ދޭ ހުއްދައިގެ ދަށުން ކޮމިއުނިޓީ ބޭސްޑްކޮށް އެފަދަ މީހުން ރިހެބިލިޓޭޓް ކުރެވޭނެ މަގެއް ހޯދުމަށް. އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކުދި ކުށްތަކަށް އަރައިިގެންފައިވާ މީހުންނަށް ކްލެމެންސީ މެދުވެރިކޮށް މައާފު ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވިދާޅުވެފައެވެ.

"އެއީ ވަރަށް ކުރު ކުރު މުއްދަތަށް ޖަަލަށް މީހުން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައްޔިތެއްގެ ބޮޑު ހައްޤަކަށް އަރައި ނުގަންނަ ކަމަށްވާނަމަ، ދައުލަތުން ޚަރަދުކޮށްގެން ޖަލުތަކުގައި ބިދޭސީން ގެންގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު ނަގަންޖެހޭ ޢުމުރު 15 އަހަރުން 12 އަހަރަށް ކުޑަކުރަންޖެހޭކަމަށް މީގެ ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ކުޑަކުރަނީ އަދަބުދިނުމުގެ މަޤުޞަދުގައި ނޫންކަމަށާއި އެކަން ކުރަނީ ކުދިންނަށް ފަރުވާދިނުމަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއް ނުވަތަ ކުރިން މީހުން ދިރިއުޅެ އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި ގާއިމުކުރުމަށް ނިންމަވާފައިވެއެވެ.