ޚަބަރު

ނުކުޅެވުނަސް ޓީމާއެކު ޖަރުމަނުގައި ދެމިހުންނާނަން- ޕެޑްރީ


  • []

ކްއާޓާ ފައިނަލްގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 10 މިނިޓްގެ ތެރޭގައި ލިބުނު އަނިޔާގެ ސަބަބުން މުބާރާތުގައި ދެން އިތުރަށް ނުކުޅެވުނަސް ޓީމާއެކު ދެމިހުންނާނެ ކަމަށް ސްޕެއިންގެ ފޯވާޑް ޕެޑްރީ ބުނެފިއެވެ.

ޓޯނީ ކްރޫޒް ކުރި ޓެކްލަކަށް ލިބުނު އަނިޔާއާ ގުޅިގެން މެޗުގެ 8 ވަނަ މިނިޓްގައި ބަދަލުކުރި ކުޅުންތެރިޔާ އަށް މުބާރާތުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. ސްޕެއިން އަށް ކުރިއަށް އޮތީ ސެމީފައިނަލްގައި ފްރާންސާ ވާދަކުރާ މެޗެވެ. ސެމީފައިނަލަށް ސްޕެއިން ދަތުރުކުރުމުން ޕެޑްރީ ވަނީ ޓީމާއެކު އުފާފާޅުކުރުންތަކުގައި ބައިވެރިވެފައެވެ. ޕެޑްރީ ބުނީ އޭނާ ޖަރުމަނަށް އައީ ސްޕެއިން ޓީމާއެކު ޔޫރޯ 2024 އަށް ކަމަށާއި، ނިމެންދެން ޓީމާއެކު ދެމިހުންނާނެ ކަމަށެވެ.

"
މިއީ ޓީމަށް ހިތްވަރުދީ، އެހީތެރިކަން ވެދެވެން އޮތް ގޮތަކަށް އެހީތެރިވާންވީ ވަގުތު. ފަހުވަގުތާ ހަމައަށްވެސް އަހަރެން މިހުރީ މިއާއިލާއާއެކު، ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދޭން.
ޕެޑްރީ / ސްޕެއިން ފޯވާޑް

ޕެޑްރީ ބުނީ ހާސިލްކުރަން ބޭނުންވާ ނަތީޖާ ނުވަތަ އުއްމީދު އަދިވެސް ދެމި އެބައޮތް ކަމަށާއި، އެންމެ އުނދަގޫ މަރުހަލާ ނިމިއްޖެ ކަމަށެވެ. އަދި އަނިޔާއިން ސަލާމަތްވެ ދާދި އަވަހަށް އިހުނަށްވުރެ ވަރުގަދަކޮށް ބާސާއާ ގުޅޭނެ ކަމަށްވެސް ބުންޏެވެ.

ސްޕެއިން އަތުން ބަލިވި މެޗަށްފަހު ފުޓްބޯޅައިން ރިޓަޔަރ ކުރު ޓޯނީ ކްރޫޒް ޕެޑްރީ ކިބައިން މަޢާފަށް އެދިފައިވާތީ އެއަށްވެސް ޕެޑްރީ ވަނީ ޖަވާބުދީފައެވެ. ޕެޑްރީ ބުނީ އެއީ މައްސަލައެއް ނޫން ކަމަށާއި، ކުޅޭއިރު މިފަދަ ކަންކަންވެސް ކުރިމަތިވާނެ ކަމަށެވެ. އަދި ޓޯނީ ކްރޫޒްގެ ފުޓްބޯޅަ ކެރިއަރާއި، ރެކޯޑްތައް އަބަދުވެސް ދެމިހުންނާނެ ކަމަށް ބުނެ، ކްރޫޒްއަށް ތައުރީފް ކުރިއެވެ.