ޚަބަރު

ފްރާންސުން ބޭނުންވަނީ އަނެއްކާވެސް އިތުރު ފައިނަލަކަށް ދާން: ޑެޝޯމްޕްސް


ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި މިރޭ ސްޕެއިނާ ދެކޮޅަށް ނިކުތުމުގެ ކުރީން، ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ، އޭނާގެ ކުޅުންތެރިން އެންމެ ރަނގަޅަށް ރިކަވާ ވެއްޖެ ކަމަށާއި، އެންމެންގެ ސަމާލުކަން ހުރީ ސެމީ ފައިނަލް މެޗަށް ކަމަށެވެ. އަދި ފްރާންސްގެ އަމާޒަކީ އަނެއްކާވެސް އިތުރު ފައިނަލަކަށް ދަތުރުކުރުން ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސްޕެއިނަކީ ޔޫރޯގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކާފައިވާ ޓީމު ކަމަށާއި، މެޗަކަށް ފަހު މެޗެއްގައި އެ ޓީމުން ތަފާތު ދައްކަމުން އައިސްފައިވާކަން ޑެޝޯމްޕްސް ފާހަގަކުރިއެވެ.

ޒަމާނުއްސުރެ ސްޕެއިނުގެ ހުރިހާ ޓީމެއްގައި ވެސް ރަނގަޅު މިޑްފީލްޑެއް އޮންނަ ކަމަށާއި، މިހާރުގެ ޓީމުގެ މިޑްފީލްޑަކީ ވެސް މެޗެއް ކޮންޓްރޯލްކުރުމުގެ ގާބިލްކަން އޮތް މިޑްފީލްޑެއް ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އަދި ހާއްސަކޮށް ރޮޑްރީ އާއެކު އެ ޓީމުގެ މިޑްފީލްޑް ވަރުގަދަ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

މުބާރާތުގައި މިހާތަނަށް ފްރާންސް ޓީމުން ދަމަހައްޓަމުން އަންނަ ރަނގަޅު ޑިފެންސިވް ރެކޯޑާ ގުޅޭގޮތުން ޑެޝޯމްޕްސް ބުނީ، ކުރިއަށް އޮތް މެޗުގައި ސްޕެއިނާ ދެކޮޅަށް ވެސް އެކަން އެންމެ ރަނގަޅަށް ކުރިއަށްގެންދަންޖެހޭނެ ކަމަށެވެ.

އެއީ މުބާރާތުގައި މިހާތަނަށްއައިއިރު ސްޕެއިނުގެ އެޓޭކިންގ ކުޅުންތެރިންގެ ފަރާތުން ދައްކަމުންއައިސްފައިވާ މޮޅު ކުޅުމުގެ ސަބަބުން ކަމަށް ފާހަގަކޮށް ޑެޝޯމްޕްސް ވަނީ، ބޮޑެތި މުބާރާތްތަކުގައި ހަމައެކަނި ރަނގަޅަށް ޑިފެންސްކޮށްގެން ނުވާނެ ކަމަށާއި، އެޓޭކުގައި ވެސް ލިބޭ ފުރުޞަތުތައް ނިންމާލައި އެކަން ދައްކައިދޭން ޖެހޭނެ ކަމަށް ބުނެފައެވެ.

ފްރާންސްގެ ފޯވާޑް، އޮލިވިއޭ ޖިރޫއާ ބެހޭގޮތުން ޑެޝޯމްޕްސް ބުނީ، އޭނާ މެޗުތަކުގައި ފަށާފައިނުވީނަމަވެސް ބެންޗުން އަރައިގެން ކުޅެފައިވާ ކަމަށެވެ. އެއީ އެހެން ކުޅުންތެރިންނަށްވުރެ އޭނާގެ ހުރި ގާބިލްކަން ދަށްވެގެން ނޫން ކަމަށާއި، ހުރިހާ ކަމެއް ބިނާވެގެންވަނީ އެ މެޗެއްގައި ކުރިމަތިލާންޖެހޭ ހާލަތުގެ މައްޗަށް ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

އޭނާގެ ޓީމުން ފުރުޞަތުތައް ތަނަވަސްކުރުމުގައި އުނދަގުލެއް ނެތް ކަމަށާއި، ހުރިހާ ވެސް މައްސަލައެއް ދިމާވަނީ އެ ނިންމާލުމުގައި ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ޑެޝޯމްޕްސް ވަނީ، އެންމެ ފަހުން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތުގައި ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ބަދަލުކުރީ އޭނާ އަށް މާބޮޑަށް ވަރުބަލިކަން އިހުސާސްކުރެވޭތީވެ، އަރާމުކުރަން ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް މެޗުގައި އެމްބާޕޭގެ އިތުރުން އެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން 110 ޕަސެންޓް ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިނާ ދެކޮޅަށް ފްރާންސް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.