ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކްލާސްތައް ވިލިމާލޭގައި ހިންގަނީ


  • ޤުރުއާން ކްލާސްތައް ގިންގަން ބިއްރި މިސްކިތު ހޯލް ވަނީ ހަމަޖައްސައިދީފައި

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ޤުރުއާން ކްލާސްތައް ވިލިމާލޭގައި ހިންގޭނެ އިންތިޒާމު ހަމަޖައްސައިދޭން މާލެ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ. ވިލިމާލޭގައި ކީރިތި ޤުރުއާން ކުރިއެރުވުމަށް ތަނެއް ހަމަޖައްސައިދެއްވުމަށް ސިޓީ ކައުންސިލްގައި އެދިފައެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ވިލިމާލޭގައި ކީރިތި ޤުރުއާން ކުރިއެރުވުމަށްޓަކައި، ޤުރުއާނުގެ ކްލާސްތައް ހިންގުމަށް ވިލިމާލޭގައި ހުންނަ ބިއްރި މިސްކިތުގެ ހޯލް ހަމަޖައްސައި ދިނުމަށް ފާސްކޮށްފައެވެ. މިފަދައިން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ތާއީދާއެކުގައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު ބަޖެޓު ހުރިގޮތުން ތަނެއް އަޅައިގެން ޤުރުއާން ކިޔަވައިދޭނެ އިންތިޒާމް ވިލިމާލޭގައި ހަމަޖެއްސުމަކީ އުނދަގޫކަމެއްކަމަށް އެ މަރުކަޒުން ވިދާޅުވެފައިވާ ކަމަށެވެ.

"ޤުރުއާނާބެހޭ މަރުކަޒުން އެދިފައިއެބައިން ޤުރުއާން ކުރިއެރުވުމަށް ވިލިމާލޭގައި ތަނެއް ބޭނުންވާކަމަށް. މިވަގުތު ބަޖެޓު ހުރިގޮތުން ތަންތަން އަޅައިގެން އެކަން ކުރުމަކީ އުނދަގޫކަމެއް ކަމަށް ވަނީ ބުނެފައި. ޤުރުއާން ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުވެސް ދެކޭގޮތުގައި ހޯލެއް ހުރިއްޔާ ވީހާވެސް އަވަހަކާ އެ ހޯލެއް ދިނުމަކީ މުހިންމުކަމަށް ފެނޭ" އާދަމް ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ ވިލިމާލޭގައި ޤުރުއާން ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހަމަޖައްސަވައިދެއްވުމަށްވެސް ޤުރުއާނާބެހޭ މަރުކަޒުން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ކައުންސިލުން ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އާާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ ކައުންސިލުން އެ މަރުކަޒާ ތަން ހަވާލުކުރާނީ އެކަމަށް ބޭނުންވާ ބަދަލު ގެނައުމަށްފަހުކަމަށެވެ. އެގޮތުން ފަރުނީޗަރު ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ ސަރުކާރުގެ ވައުދުދެކެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެކެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެގެން މިވީ 7 މަސް ދުވަހުގެ ތެރޭގައި އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަމާއި އަހަމިއްޔަތުކަން ވަނީ އިތުރުކޮށްފައެވެ.