ވިޔަފާރި

ގެޓްސެޓް ލޯނުގެ ދެވަނަބުރު އަންނަމަހު ޢިއުލާނު ކުރަނީ


ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދަވާ ގެޓްސެޓް ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބު ކަމަށާއި ދެވަނަބުރު އަންނަމަހު ޢިއުލާން ކުރައްވާނެކަމަށް އިކޮނިމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

މިއަދު އިކްނޮމިކް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓްގެ ޕްރޮގްރާމް މެނޭޖަރ މަހީލް ޢަލީ ޖަލީލް ވިދާޅުވީ ގެޓްސެޓް ޕްރޮގްރާމްގެ ފުރަތަމަބުރުގައި 34 ފަރާތަކަށް ލޯނު ހަމަޖެހި އޭގެތެރެއިން 30 ފަރާތަކަށް ލޯނު މިހާތަނަށް ޙަވާލުކުރައްވާފައިވާ ކަމަށެވެ. މިހާތަނަށް ލޯނު ޙަވާލުނުކުރެވޭ 4 ފަރާތުގެ ތެރެއިން އެއް ފަރާތެއް ފިޔަވައި އެހެން ފަރާތްތަކާ މުޢާމަލާތްތައް ކުރެވިފައިވާކަމަށްވެސް މަހީލް ވިދާޅުވިއެވެ. އަދި ދެވެނަ ބުރު ކުރިއަށް ގެންދެވުމުގައި ފުރަތަމަ ބުރުގައި، ލޯނަށް އެދި ހުށައެޅުމުގައި ދިމާވިފަދަ ދަތިތައް ކުރިމަތިނުވާނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެހިގެން ދާނެކަމަށްވެސް މަހީލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނަކީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ޢަމާޒުކުރައްވައިގެން ދޫކުރައްވާ ޖުމްލަ 200 މިލިއަން ރުފިޔާގެ ލޯނު ޕްރޮޖެކްޓެކެވެ. އެގޮތުން 5 އަހަރަށް ބަހާލައިގެން އަހަރަކު 40 މިލިއަން ރުފިޔާ ގެޓްސެޓް ލޯނުގެ ގޮތުގައި ދޫކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޒުވާނުންނަށް ޚާއްޞަ ލޯނުގެ އިތުރުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކުރައްވައިގެންވެސް ސަރުކާރުން ގެންދަނީ ލޯން ޕްރޮގްރާމެއް ހިންގަވަމުންނެވެ. އެސްއެމްއީ ލޯންގެ ނަމުގައި ދޫކުރައްވާ މި ލޯނަށް އެދި 447 ފަރާތަކުން ކުރިމަތިލިކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤް ވިދާޅުވީ އެސްއެމްއީ ލޯނަށް އެދިފާވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. 

ސަރުކާރުން ހިންގަވާ ގެޓްސެޓް ލޯނު ޕްރޮގްރާމާއި އެސްއެމްއީ ލޯނުގެ އިތުރުން އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހިންގަވާ ފަސޭހަ މަދަދު ޕްރޮގްރާމް މިހާރު ހިންގަވަމުން ގެންދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުންނެވެ.