ޚަބަރު

އަމާޒަކީ ވީއައިއޭގައި ބޭނުންކުރާ ހަކަތައިގެ %90 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން: ޝަރީފް


  • އިއާދަކުރަނިވި ހަކަތައާއި ގުޅޭ މަޝްރޫޢުތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުން

  • މި މަޝްރޫޢު ނިމޭއިރު ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެއަރޕޯޓަކަށްވެގެންދާނެ

އަމާޒަކީ ކުރިއަށްއޮތް 2 އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އެތެރޭގައި، ބޭނުންކުރާ ހަކަތައިގެ %90 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު މިހާރު ހުރީ %4 ގައެވެ. މި ފަސްއަހަރު ނިމޭއިރު، ރާއްޖޭން ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ނުވަތަ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިކަމަށް އެއްބާރުލުން ދިނުމަށްޓަކައި އެމް.އޭ.ސީ.އެލުން ގިނަ މަސައްކަތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެތެރޭގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް 2 އަހަރުތެރޭގައި އަޅުގަނޑުމެންގެ އެތެރޭގައި، ބޭނުންކުރާ ހަކަތައިގެ މަދުވެގެން %90 ރިނިއުވަބަލް ސޯސަސްއަށް ބަދަލުކުރާނަން. އަމާޒަކީ ހުރިހާ ހަކަތައެއް ރިނިއުވަބަލްއަށް ބަދަލުކުރުން." ޝަރީފް ވިދާޅުވިއެވެ.

ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ލަމްއާން މުހައްމަދު ވިދާޅުވީ، އެއަރޕޯޓުގެ އައު ޕަވަރ ހައުސް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމަށެވެ. މިއާ އެކުވެސް ޚިދުމަތްތައް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ވީ.އައި.އޭގައި ބޭނުންކުރާ ހަކަތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ލަމްއާން ވިދާޅުވީ އައު މަޝްރޫޢުތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.

"ރިނިއުވަނަލް އެއަރޖީގެ މަސައްކަތަކެއްވެސް ޕައިޕްލައިންގައި އެބަހުރި، ވަރަށް އަވަހަށް އެ މަސައްކަތްތައްވެސް އެވޯޑުކުރެވި، ފެށިގެންދާނެ. މި މަޝްރުޢޫ ނިމިގެންދާއިރު، މި ރީޖަންގައިވެސް ރިނިއުވަބަލް އެނާޖީ ބޭނުންކޮށްގެން އެންމެ ގިނަ ވަގުތު އޮޕަރޭޓުކުރާ އެއަރޕޯޓަށްވެގެންދާނެ." ލަމްއާން ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވީ.އައި.އޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިއަހަރުގެ ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކުރައްވާފައެވެ.

ވީ.އައި.އޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މާސްޓަރ ޕްލޭންގެ ދަށުން އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެތަން ބަދަލުކުރެވޭނެއެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީއެވެ.