ޚަބަރު

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި


  • ސިޔާސީ މައިދާނުގައި އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެކަން ފާހަގަކުރެއްވި

  • އެއްވެސް ބާވަތެއްގެ އަނިޔާވެރިކަން ރައީސް ވަނީ ކުށްވެރިކުރައްވާފައި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑިން ހަމަލާދިން މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

މި ހަމަލާ ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސިޔާސީ މައިދާނުގައި އަނިޔާވެރި ޢަމަލުތަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހިނގިކަމުގައިވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަމަލާގައި ޒަޚަމްވެވަޑައިގެންނެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި، އެމަނިކުފާނުގެ ޢާއިލާއަށް އަދި ހަމާލާގައި ޒަޚަމްވި މީހުންނަށް ހެޔޮ އެދުންތައް ފޮނުއްވަވާފައެވެ.


އެމެރިކާގެ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑިން ޙަމަލާ ދީފައި ވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގެ ރަށެއް ކަމުގައިވާ ބަޓްލަރގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ.

މިއީ, ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމުގައި, ޓްރަމްޕްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ސީކްރެޓް ސަރވިސުން ބުންޏެވެ.

މި ޙަމަލާގައި ޓްރަމްޕް ޒަޚަމްވެ ވަޑައިގަތެވެ. މަންޒަރު ފެނުނު މީހުން ބުނީ, ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައި ވަނީ ކެމްޕޭން ޖަލްސާގައި އޭނާ ވާހަކަފުޅު ދައްކަވަން ފެއްޓެވިތާ ގިނަ އިރުތަކެއް ނުވަނީސް ކަމުގައެވެ.