ކުޅިވަރު

ފައިނަލް މެޗުގެ ރެފްރީ ލެޓެކްސިއާ އަކީ ޖެހިލުންކުޑަ މީހެއް


2002 ވަނަ އަހަރު ފްރާންސްގެ ނީސް އާއި ނޯންޓްސް ބައްދަލުކުރި މެޗުގައި ނޯންޓްސް އަށް ޕެނަލްޓީ އޭނާ ދެކޮޅު ހެދި އެވެ. ފަހުން އެ މެޗުގައި ނޯންޓްސްގެ ކީޕަރާއެކު ދެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ މި ކަމާހެދި އޭނާ އަށް މަރުގެ އިންޒާރުތައް ލިބުނެވެ. މިދިޔަ މޭމަހު އިންޑޮނީޝިއާ އާއި ގިނީ ބައްދަލުކުރި މެޗުގައި ގިނީ އަށް ދިން ދެ ޕެނަލްޓީގެ ސަބަބުން ވެސް އޭނާ އަށް ފާޑުކިއުން އަމާޒުވި އެވެ. އެއް ޕެނަލްޓީ ދިނީ ޕެނަލްޓީ އޭރިޔާގެ ބޭރުން ކުރި ފައުލަކަށެވެ. ފަހުން ގިނީގެ ކޯޗު ވެސް ބެންޗުން ފޮނުވާލި އެވެ.

މިއީ ސްޕޭނާއި އިނގިރޭސިވިލާތް މިރޭ 12 ޖަހާއިރު ކުޅޭ ޔޫރޯ ފައިނަލް މެޗުގައި ރެފްރީކަން ކުރާ ފްރާންސްގެ ރެފްރީ ފޮރޮންސްވާ ލެޓެކްސިއާގެ ބައެއް މުހިންމު ނިންމުތަކުގެ ކުޑަކުޑަ މިންވަރެކެވެ. އޭނާ އަކީ ނިކަން ޖެހިލުންކުޑަ މީހެކެވެ. ޕާޓްޓައިމްކޮށް ކޯޓު އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް. ފުޓްބޯޅަ މެޗުތަކުގައި އާއްމުކޮށް ކޮންމެ ކޮންމެ މީހަކަށް ނިންމަން ނުކެރޭ ކަންކަމުގައި ގޮތް ނިންމަން ކެރޭ ކުޅަދާނަ ރެފްރީއެކެވެ.

ފްރާންސްގެ ލީގުގައި އެންމެ ޒުވާން ރެފްރީއެއްގެ ގޮތުގައި ގަދަ މެޗުތަކަށް އޭނާ އިހްތިޔާކުރަން ޖެހުނީ ވެސް ލެޓެކްސިއާގެ ޖެހިލުން ކުޑަކަމުން. އުމުރުން މިހާރު 35 އަހަރުގެ ރެފްރީ ފްރާންސް ލީގުގެ މެޗުތަކަށް ނުކުންނަން ފެށީ 26 އަހަރުގަ އެވެ. އޭނާގެ ކޮންމެ ޖެހިލުންކުޑަ ނިންމުމަކާއެކު ޔޫރަޕުގެ ބޮޑު މުބާރާތަކަށް ނުވަތަ މުހިންމު މެޗަކަށް ޔޫއޭފާއިން އޭނާ އިހްތިޔާރުކޮށްފައިވަނީ ވެސް ސަބަބުތަކެއް ހުރެގެންނެވެ.

2017 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީކަން ކުރަމުން އަންނަ ލެޓެކްސިއާ ވަނީ ޔޫރޯގައި މިހާތަނަށް ތިން މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ. މީގެ ތެރޭގައި ސްޕޭނާއި ޖޯޖިއާ ދެ ވަނަ ބުރުގައި ބައްދަލުކުރި މެޗު ވެސް ހިމެނެ އެވެ. މިހާތަނަށް ޔޫއޭފާގެ 65 މެޗެއްގައި ރެފްރީކަންކޮށްފައިވާއިރު އިނގިރޭސި ކުލަބުތަކަށް ކުޅެފައިވާ ގިނަ މެޗުތަކަށް ވެސް އޭނާ ވަނީ އިންސާފުކޮށްދީފަ އެވެ. މިއިން އެއްވެސް މެޗެއްގައި މައްސަލަ ގޯސްވާވަރުގެ ބޮޑު ކަމެއް ދިމާވެފައިނެތުމަކީ އިނގިރޭސި ކުޅުންތެރިންނަށް ވެސް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.

2023ގެ ޔޫރަޕިއަން ސުޕަކަޕް ފައިނަލްގައި މެންޗެސްޓާ ސިޓީ އާއި ސްޕޭނުގެ ސެވިއްޔާ ބައްދަލުކުރި މެޗުގެ ރެފްރީކަމާއި ހުސްވި ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ބަދަލު ރެފްރީ އަކަށް އިނީ ވެސް ލެޓެކްސިއާ އެވެ. ޔޫރޯ އަށް ފަހު ދެން އޭނާ ފެނިގެންދާނީ ފްރާންސްގައި ފަށާ ޕެރިސް އޮލިމްޕިކްސް ކުޅިވަރު މުބާރާތުންނެވެ.