ޚަބަރު

ޔޫރޯ 2024: ޕީއެސްއެމް ފޯރި ކަވަރޭޖުގެ ކުޅަދާނަ އެނަލިސްޓުން


އިސްމާއީލް ޒަރިޔަންދު

އިސްމާއީލް ޒަރިޔަންދުގެ އެންމެ ޚާއްޞަ ސިފައަކީ ޖެހިލުން ކުޑަކަމެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ ދައްކައިދިނީ ޖެހިލުން ކުޑަކަމާއި އިތުބާރެވެ. ކާމިޔާބު ފުޓްބޯޅަ ކެރިއަރަކަށް ފަހުވެސް އެ ސިފަ އޭނާ ދަންނަ ކޮންމެ މީހަކަށްމެ ފެނިގެންދާނެއެވެ. ބޮޑެތި މުބާރާތްތަކުގެ ކަވަރޭޖުތަކުގައިވެސް ޒަރިޔަންދަކީ ޖެހިލުން ކުޑަ އަމިއްލަ ވިސްނުން ހާމަކުރާ އެނަލިސްޓެކެވެ.

އަމިއްލަ ދިރާސާތަކާއެކު އަބަދުވެސް އޭނާ ސެޓަށް އަރާނީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. ކޮންމެ ބޯޅައަކަށް ކުރިމަތިލީ ފަދައިން މެޗާ ގުޅުންހުރި ކޮންމެ ސުވާލަކަށް ކުރިމަތިލަނީ އިތުބާރާއެކު އެވެ. މަޒާޖީ މިސާލުތަކުން ބެލުންތެރިން ހެއްވާލަމުން އޭނާ ކިޔައިދެނީ އަމިއްލަ ދިރާސާއާއި އިލްމުގެ އަލީގައި އޭނާއަށް ފެންނަ އެއްޗެކެވެ. ބައެއް ފަހަރު ބައެއް މީހުންނަށް އެގޮތް ކަމުނުދިޔަ ނަމަވެސް ޒަރިޔަންދަކީ ވަކި އަތަކަށް ނުޖެހި ލޮލަށް ފެންނަ މަންޒަރަށް ބަސްބުނާ ތަޖުރިބާކާރެކެވެ. ހަގީގަތަށް ވާހަކަ ދައްކާ މީހެކެވެ. ޒަރިޔަންދަކީ އޭނާގެ އެހީތެރިކަމަށް އެދި ގޮވާލާ ކޮންމެ ހިނދެއްގައި އަބަދުވެސް ތައްޔާރަށް ހުންނަ ވަރަށް ކޮމިޓެޑް އެނަލިސްޓެކެވެ. މި ޔޫރޯގައިވެސް އޭނާ ދައްކައިދިނީ އެކަމެވެ.

2. އަޙްމަދު ޝާކިރު (ޝާކިއްޓެ)

އަހުމަދު ޝާކިރު ނުވަތަ ޝާކިއްޓެ ފާހަގަކުރެވެނީ ޒަމާނީ ބަދަލުތަކަށް އަހުލުވެރި, މައުލޫމާތު މުއްސަނދި އުއްމީދީ އެނަލިސްޓެއްގެ ގޮތުގައެވެ. އޭނާ އަކީ ޒުވާން ކުޅުންތެރިން އުފައްދާ މޮޅު، އެހާމެ ކާމިޔާބު ކޯޗެއް. އޭނާގެ ކޯޗިންގ ފިލޯސަފީ ބައްޓަންވެފައި އޮތީ ޒަމާނީ ޓެކްނޮލިޖީއާއި ވަސީލަތްތަކުގެ މައްޗަށެވެ. ޝާކިއްޓެ އަބަދުވެސް ގަބޫލުކުރާ ހަގީގަތަކީ ދަސްކުރުންމަތީ ދެމިހުން, މައުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް މަސައްކަތް ކުރުމެވެ. ޝާކިއްޓެއަކީ ސީރިއަސް އެނަލިސްޓެކެވެ.

މެޗު ކުޅެމުންދާއިރު ވަރަށް ބޮޑަށް މެޗުގެ ތެރެއަށް ވަދެ, ބަރާބަރަށް ނޯޓްކޮށް ފުރިހަމަ ދިރާސާއެއް ހުށަހަޅައިދޭ އެނަލިސްޓެކެވެ. ޝާކިއްޓޭގެ ކޮންމެ އެނަލިސިސްއެއް ބިނާވަނީ އޭނާގެ ހުރި އިލްމާއި, ޓެކްނިކަލް ތަޖުރިބާގެ މައްޗަށެވެ. ވޯލްޑުކަޕުން ގިނަ ބައެއްގެ އިތުބާރު ހޯދި ޝާކިއްޓެ އަކީ މިރޭ މި ނިމޭ ޔޫރޯގެވެސް އެންމެ އިތުބާރު އެއް އެނަލިސްޓެވެ. މިފަހަރުވެސް ޝާކިއްޓެ ހުށަހަޅައިދިނީ ހަގީގަތުގައިވެސް ބަރޯސާވެވޭ އެނަލިސިސް އެކެވެ.

3. އަހުމަދު ފައްރާހު (ފައްރަ)

ފުރަތަމަ ފެނިލުމުންވެސް އޭނާ ދިނީ އުއްމީދާއި ޔަގީންކަމެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ވާދަވެރި ބޮޑު ކަވަރޭޖަށް ޕީއެސްއެމްގެ ދައުވަތު ގަބޫލުކޮށް އޭނާ ސެޓަށް އެރީ ތިމަންނާއަށް ވާނޭ ބުނެ ވަރަށް ކެރިގެން އިތުބާރާއެކުއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފައްރަ އަކީ ލީޑަރެކެވެ.

ގިނަ ޓީމުތަކަށް ކުޅުމަށްފަހު އޭނާގެ ގާއިމުވީ ޓީސީގެ ކެޕްޓަންގެ ގޮތުގައެވެ. ބޮޑު މުބާރާތެއްގެ އެނަލިސްޓެއްގެ ގޮތުގައި ކޯޓު ލައިގެން ބެލުންތެރިންނާ ބައްދަލުކުރި ފުރަތަމަ މެޗުންވެސް އޭނާއަކީ ފުޓްބޯޅައިގެ އެފުށާއި މިފުށަށް ފަރިތަ އެވާހަކަތައް ބެލުންތެރިންނާ ހަމައަށް ސާދާކޮށް ބުނެދެވޭނެ މީހެއްކަން ސާބިތުކޮށްދިނެވެ. އެ އިތުބާރުގެ މަތީގައި މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފައްރަ ބައްދަލުކުރީ އިހުނަށްވުރެ އިތުބާރާއެކު އެވެ.

މިފަހަރު ޔޫރޯ ސެޓުން ބައްދަލުކުރި އެންމެ އިތުބާރު ޒުވާން އަދި އުއްމީދީ އެނަލިސްޓަކީ ފައްރަ ކަމާމެދު ދެބަސްވުމެއް ނެތެވެ. ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ތަޖުރިބާއާއި މައުލޫމާތުގެ މުއްސަނދިކަން އެއްކޮށް ރަނގަޅު އެނަލިސިސްއެއް ފައްރަގެ ފަރާތުން ބެލުންތެރީންނަށް ފޯރުކޮސްދިން ކަމާމެދު ޝައްކެއް ނެތެވެ.

4. އަހުމަދު އަހުސަން (ބަރޯ)

އަހުސަނަކީ މޮޅު ގޯލަކީޕަރ ޓްރޭނަރެކެވެ. ކޯޗިންގައި އޭނާގެ އެންމެ ޚާއްޞަ ދާއިރާއަކީ އަކީ ވެސް ގޯލްކީޕަރު ކޯޗިން އެވެ. އޭނާ އަކީ ފުޓްބޯޅައިގެ ލޭ ހިނގާ ފުޓްބޯޅަ އާއިލާގެ މެމްބަރެއް. ކޮންމެ ޓީމަކުން ވެސް ބޭނުންވާ ފެންވަރުގެ ހިދުމަތް ދެމުން އަންނަ މޮޅު ކޯޗެކެވެ.

ރިސޯޓް މުބާރާތްތަކުގައި ވަރަށް ކާމިޔާބު ޗެމްޕިއަނެކެވެ. ތަށި ހޯދައިދޭނެ ކަން ޔަގީންވާ ކޯޗެކެވެ. އަހުސަނަކީ ވެސް ހުއްޓުމެއްނެތި ފުޓްބޯޅައިގެ ކަންކަން ދިރާސާކުރާ މައުލޫމާތު މުއްސަނދި އުއްމީދީ ކޯޗެކެވެ. ރާއްޖެއާއި ބޭރުންވެސް ފުރުޞަތު ހޯދަން މަސައްކަތްކުރާ, އެ ފުރުޞަތުތަކުގެ ބޭނުން ހިފާ ކޯޗެކެވެ. އެ ހުރިހާ ކަމެއްގެ އެކުވުމުން ޔޫރޯގައި އަހުސަންގެ ފަރާތުން ފެނުނު އެނަލިސިސްއިން އެކަނި ވެސް ކަވަރޭޖްގެ ރަހަ ހެޔޮވަރުކޮށްލެވުނެވެ. ޓީމްތަކާއި ކުޅުންތެރިންގެ މައުލޫމާތަށް ފަރިތަވުމާއި, ފުޓްބޯޅައިގެ ޓެކްނިކަލް އިލްމް ހުރުމާއެކު އަހުސަން ފެނުނީ ވަރަށް އިތުބާރާއެކު ހުށަހަޅައިދިންތަނެވެ. ޔަގީންކަމާއެކު އޭނާ އަކީ ކުރިމަގު އޮތް، ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފަމުން، ދަސްކުރަމުން، ބުނެދެމުން، އަންނަ ފަރާތެކެވެ.

5. މުޙައްމަދު ޝާހިދު (ޝާޑް)

މުޙައްމަދު ޝާހިދު (ޝާޑް) ގެ އެންމެ ޚާއްޞަ ކަމަކީ އޭނާގެ ޝައުޤުވެރިކަމެވެ. އަބަދުވެސް ތައްޔާރަށް ހުރުމެވެ. ފުޓްބޯޅައާއި ކުޅިވަރަށް އޮތް ލޯބި. ކޯޗިންގައި އޭ ލައިސަންސް ފުރިހަމަކޮށް ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ޓީމްތަކަށް އިރުޝާދުދީ ޝާޑަކީ އަބަދުވެސް އެވަގުތެއްގައި ތިބޭ ކުޅުންތެރިންނަށް އެކަށީގެންވާ ކުރިއެރުން ހޯދައިދޭ ކޯޗެކެވެ. ކުޅިވަރުގެ ވާހަކައެއް ދައްކަން ނުވަތަ ކުޅިވަރުގެ ކަމަކަށް ގޮވާލައިފި ނަމަ އޭނާ އެކަމަކަށް ނޫނެކޭ ނުބުނާނެއެވެ.

ޝެޑިއުލްގައި ހުރި މުހިންމު ކަންކަން އެއްފަރާތް ކުރުމަށްފަހު އަބަދުވެސް އޭނާ އިސްކަދެނީ ފުޓްބޯޅަ އަށް ހިދުމަތްކުރުމަށެވެ. އޭނާގެ ބައިވެރިވުމާއެކު މައުލޫމާތު ގެނެސްދިނުމަށެވެ. ޝާޑް އަކީ ވަގުތަށް ފަރުވާތެރި, އެނަލިސިސް ހުށަހަޅައި ދިނުމުގައި މަޑުމައިތިރި ކޯޗެކެވެ. މިދިޔަ އަހަރުގެ ވޯލްޑު ކަޕާއި މި ޔޫރޯގައިވެސް ޝާޑްގެ ފަރާތުން ފެނުނު ކޮމިޓްމަންޓަށް އޮތީ ސާބަހެވެ.

6. މުޙައްމަދު އަދުހަމް

މުޙައްމަދު އަދުހަމް، އަދުހަމްއަށް ވަނީ ފުޓްބޯޅައަށް އޮންނަ ޝައުގުގެ ބޮޑުކަމުންނެވެ. މީހުން އޭނާ ދަންނަނީވެސް ފުޓްބޯޅައިގެ މައުލޫމާތު އެހެން މީހުންނާ ހިއްސާކުރާ މީހެއްގެ ގޮތުގައެވެ. ޕްރިމިއާ ލީގުގެ މައުލޫމާތު ހިއްސާކުރަން ލިބުނު ފުރުޞަތުގެ ބޭނުން ހިފައި މަޑުމަޑުން އޭނާ އެ ވަނީ ވޯލްޑުކަޕާއި ޔޫރޯގެ ސެޓުންވެސް ޖާގަ ކަށަވަރުކޮށްފައެވެ.

އޭނާއަކީ ޓެކްނިކަލް އެނަލިސްޓެއް ނޫނެވެ. އެކަމަކު ރަނގަޅަށް ތައްޔާރުވެ އޭނާ ސެޓަށް އަރަނީ ދެޓީމާއި މެޗުގެ މުހިއްމު މައުލޫމާތުތައް ހިފައިގެންނެވެ. އޭނާ އެ މައުލޫމާތު ހިއްސާކުރަނީ މުޅި ސީޒަންގައި އެ ކުޅުންތެރިން ކްލަބްގައި ދެއްކި ކުޅުމާއި އެ ކުޅުންތެރިންގެ ތަފާސް ހިސާބުތަކަށްވެސް ރިއާޔަތްކޮށެވެ. އަބަދުވެސް މައުލޫމާތުގެ ތެރޭގައި ޝާމިލުވާތީ އަދުހަމްގެ މައުލޫމާތުގެ ހަޒާނާ މުއްސަންޖެވެ. އޭގެ ފައިދާ ސެޓުގައި ދެން ބައިވެރިޔާއަށް ކުރަނީ ވެސް މަދުފަހަރަކު ނޫނެވެ. އަދުހަމްގެ މައުލޫމާތާއި ޓެކްނިކަލް އެނަލިސްޓްގެ އެނަލިސިސް އެއްކުރުމުން ޔޫރޯ ކަވަރޭޖަށް ލިބިގެންދަނީ ފުރިހަމަކަމެވެ.

7. އަބްދުالله އަޒްމީން

ޔޫރޯގެ ސެޓުން ފެންނަ އެންމެ ތަޖުރިބާ ބޮޑު ނަމަކީ އަޒްމީންގެ ނަމެވެ. ޕްރެޒެންޓަރެއްގެ ގޮނޑިން ފެށިގެން ގުނާނަމަ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ކަވަރޭޖް އޭނާއަށްވުރެ ގިނައިން ގެނެސްދިން ދެވަނަ މީހަކު ރާއްޖޭގައި ނެތެވެ. ދިވެހި ކުޅިވަރާއި ބޭރުގެ ކުޅިވަރަށް, ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގައި އޭނާގެ ސިކުނޑިއަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި ހަޒާނާއެވެ.

ފުޓްބޯޅައިގެ ކަވަރޭޖެއްގެ ގެނެސްދޭ ސެޓަކުން ޖާގަ ދީފިނަމަ އަޒްމީން ބައިންދައިފި ނަމަ މުޅި ކަވަރޭޖް ފުރިހަމަކޮށްދޭނެއެވެ. އޭނާއަކީ ކޯޗަކަށް ނުވިޔަސް ޓެކްނިކަލް ވިސްނުމުންވެސް އިތުބާރާއެކު ވާހަކަދައްކާ މީހެކެވެ. ބެލުންތެރިންނާއި ޕްރޮޑިއުސަރުން އޭނާއަށް އިތުބާރުކުރަނީ ހުސްވުމެއް ނެތި ހުށަހަޅައިދޭ އޭނާގެ މައުލޫމާތުގެ ހާޑްޑިސްކުގެ ވަރުގަދަކަމުންނެވެ.

އަޒްމީންގެ ހުށަހެޅުމާއި, ދެން ބައިވެރިވާ އެނަލިސްޓާއި އޮންނަ ގުޅުމާއެކު އެ ޝޯއެއް ބަރާބަރަށް ދާނެކަމުގެ ޔަގީންކަން ޕްރެޒެންޓަރަށް އޮވެއެވެ. އަޒްމީން ބައިވެރިވާ ޝޯއެއްގައި އަތްދަށުން ކަމެއް ދިއުމަކީ ނުވަތަ މުހިއްމު މައުލޫމާތެއް ހިއްސާ ނުކުރެވި ދިއުމަކީ ނާދިރު ކަމެކެވެ. ކޮންމެ ޓީމެއްގެ ކޮންމެ ކުޅުންތެރިއެއްގެ ނަން އެންމެ ފަރިތަ މައުލޫމާތު ބެލުންތެރިންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދޭ ފަރާތަކީ ހަގީގަތުގައި އަޒްމީނެވެ. މި ޔޫރޯގައިވެސް އެކަމަށް ބަދަލެއް ނާދެއެވެ.

ހަގީގަތުގައި މުޅި ޔޫރޯ ކަވަރޭޖް ފުރިހަމަވީ ފާހަގަކުރެވުނު ކޮންމެ ނަމެއްގެ ފުރިހަމަ ބައިވެރިވުމާއި ސަޕޯޓާއެކު. ޕްރެޒެންޓަރުންނާ ގުޅިގެން ކަވަރޭޖް މުއްސަނދި ކުރުމަށް އެނަލިސްޓުން ވީ ބޮޑު ގުރުބާނީއެވެ. ފާއިތުވި މަސް ދުވަހު އެމީހުންގެ އެންމެ މުހިއްމު ކަމެއްކަމުގައި ދުށީ ކަވަރޭޖަށް ސަމާލުކަން ދިނުމެވެ. ރަނގަޅު އެނަލިސިސްއެއް ފޯރުކޮށްދިނުމެވެ.

ކަވަރޭޖް ނިމިގެންދާއިރު ހަގީގަތުގައިވެސް އެއިން ކޮންމެ މީހަކަށް އޮތީ ޝުކުރާއި ތައުރީފެވެ. އައްސަރިބަހާއި ސާބަހެވެ. ހަމައެއާއެކު މުޅި ކަވަރޭޖްގައި ބައިވެރިވި ޓެކްނިކަލް ޓީމާއި ސަޕޯޓް ޓީމަށްވެސް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަމެވެ. މި އީދު މިހިސާބުން ނިމުނަސް, ދެން އޮންނަ ކުޅިވަރުގެ ބޮޑު އީދުގައިވެސް އެކުގައި މަސައްކަތް ކުރުމުގެ އުއްމީދު ފާޅުކުރަމެވެ.