ޚަބަރު

އާމްދަނީ އިތުރުވެ، މިދިޔަ މަސް ނިމުނުއިރު ބަޖެޓު ސާޕްލަސްގައި


  • ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ހުރީ 14.3 ބިލިޔަން ރުފިޔާގައި

  • ޖުމްލަ ޓެކްސް އާމްދަނީ އަކީ 12.3 ބިލިޔަން ރުފިޔާ

އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ 15.4 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %7.5 ކުރިއެރުމެކެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ހުރީ 14.3 ބިލިޔަން ރުފިޔާގައެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި 15.4 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. އެހެންކަމުން މިއީ %7.5 ކުރިއެރުމެކެވެ. އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައެވެ.

އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 4.6 ބިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް މިއަހަރު 5.1 ބިލިޔަން ރުފިޔާއެވެ. މިއީ %11.7ގެ ކުރިއެރުމެކެވެ.

30 އޭޕްރީލް 2026 ގެ ނިޔަލަށް ޖުމްލަ ޓެކްސް އާމްދަނީ އަކީ 12.3 ބިލިޔަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13 ގެ އިތުރުވުމެކެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިޔަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 12.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %13.8 އިތުރު އަދަދެކެވެ.

ރިކަރަންޓް ޚަރަދު %11.1 އިތުރުވެ، 12.6 ބިލިޔަން ރުފިޔާއަށްވަނީ އަރާފައެވެ. މި މުއްދަތުގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10.5 އިތުރުވުމެކެވެ.

މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި، އިނާޔަތްތައް އެއްހަމަކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މުސާރައާއި، އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ހުރީ ޖުމްލަ 5.3 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރަށްވުރެ %10.1 އިތުރު އަދަދެކެވެ.