ޚަބަރު

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރިހި މެޑަލް


  • އަޒްނީން ރިހި މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 167 ސީއެމް ކެޓަގަރީއިން

  • ރާހިލް ހަތަރުވަނަ ހޯދީ ސްޕޯޓްސް ފިޒީކް 180 ސީއެމް ކެޓަގަރީއިން

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަމުންދާ އަޒްނީން ރަޝާދު ރިހި މެޑައްޔެއް
ހާސިލްކޮށްފިއެވެ.

ޤައުމީ އެތުލީޓު ރިހި މެޑައްޔެއް ކާމިޔާބުކުރީ އެތުލެޓިކް ފިޒީކް އަޕް ޓު 167 ސީއެމް ކެޓަގަރީގައި ވާދަކޮށްގެންނެވެ. އަޒްނީންގެ އިތުރުން މުބާރާތުގައި ވާދަކުރަމުންދާ އުންމީދީ ޒުވާން އެތުލީޓު، ހުސައިން ރާހިލް ޞާދިޤްވެސް ވަނީ އޭނާ ވާދަކުރި ސްޕޯޓްސް ފިޒީކް އަޕް ޓު 180 ސީއެމް ކެޓަގަރީއިން 4 ވަނަ ހާސިލްކޮށްފައެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ބޮޑީބިލްޑިން ސްކޮޑުގައި ހިމެނެނީ ތަޖުރިބާކާރު ކާމިޔާބު އެތުލީޓުންކަމަށްވާ ޢަލީ މަބްރޫކް ލަޠީފް، އަޒްނީން ރަޝާދު، އަހްމަދު ނަޢީމް އަދި ހުސައިން ރާހިލް ޞާދިޤެވެ.

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ޤައުމީ ސްކޮޑް ތައްޔާރުވެފައިވަނީ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗް ޢަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ މެނޭޖަރެއްގެ ގޮތުން ހަރަކާތްތެރި ވަނީ މުހައްމަދު ނަޒީހްއެވެ.

58 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 މިއަހަރު ކުރިއަށްދަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އެލެކްޒެންޑާ ހޮޓެލްގައެވެ. މިމަހުގެ 22 އިން 28އަށް ކުރިއަށްދާ މިމުބާރާތުގައި އަފްޣާނިސްތާނު، ޗައިނާ، ޖަޕާން އަދި ހޮންގކޮންގ ފަދަ ޤައުމުތައް ހިމެނޭހެން 30 ވަރަކަށް ޤައުމުން ބައިވެރިވެފަވާއިރު، މުބާރާތުގައި 400 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.