މި އަހަރުގެ ބަރަކާތްތެރި އަޝުހާ އީދުގައި ދިވެހިންނާ ބައްދަލުކުރީ ދެ އީދެއްގެ އުފާވެރިކަން ގެނެސްދެމުންނެވެ. އީދުގެ އުފަލާއި ކުޅިވަރުތައް ވަގުތުން ދުރަށް ދައްކަމުން، ރޭގަނޑުގެ އެންމެ ހިތްފަސޭހަ ވަގުތުތަކުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ތިޔަބޭފުޅުންނަށް އޭގެ އެންމެ ފުރިހަމަކަންމަތީގައި ގެނެސްދިން ހަމައެކަނި ބަޔަކީ ޕަބްލިކް ސާވިސް މީޑިއާ ނުވަތަ ޕީއެސްއެމެވެ.
ފުޓްބޯޅަ މެޗުތައް ދުރަށް ދެއްކުމުގައި މި ކުންފުނީގައި އޮތީ ތާރީޚީ ދިގު މާޒީއެކެވެ. ދިވެހިންނަކީ ކޮންމެ އަގެއްގައި ވެސް ފުޓްބޯޅަ މެޗުތައް ގަނެގެން ދައްކާނެ ބައެއްކަން ސިއްރުވެފައި ނެތުމުން ރާއްޖެ އަށް މެޗުތައް ދައްކަން ކޭބަލް ޓީވީ އޮޕަރޭޓަރުން ފަހަކަށް އައިސް ކިޔަމުން އަންނަނީ މި ކުޑަކުޑަ ގައުމާ ނުބައްދަލު އަގުތަކެވެ. މި ސަބަބާހުރެ ދިވެހި ސަރުކާރާއި ޕީއެސްއެމްގެ މެނޭޖްމަންޓުން ޔޫރޯގެ ރައިޓްސް ހޯދުމަށް އެހެން ފަހަރުތަކާއި ހިލާފަށް ވަރަށް ދުރާލައި ތައްޔާރުވާންޖެހުނެވެ.
މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިސްވެ ހުންނަވައިގެން ޔޫރޯގެ އެކްސްކްލޫސިވް ރައިޓްސް ހޯދަން އެންމެ ފުރަތަމަ މަސައްކަތް ފެށީ ދިވެހި ސަރުކާރުގެ ވެސް އިސްނެންގެވުމާއެކު އެވެ. ސަރުކާރާއި ކުންފުނީގެ ބޭނުމަކަށްވީ އެއްވެސް އަގަކާނުލައި މިފަހަރު ވެސް އެންމެހާ ދިވެހިންނަށް ޔޫރޯ ބެލުމުގެ ފުރުސަތު ހޯދައިދިނުން. ދިވެހި ސަރުކާރުން، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިކަމަށް އެންމެ ފުރަތަމަ އިސްނެންގެވީ އެތަކެއް ޒުވާނުންނާއި ކުދިބޮޑު އެންމެން މިކަމަށް އެދިއެދި ތިބުމުންނެވެ.
ތައުލީމާއި ސިއްހަތު ފަދައިން ކުޅިވަރަކީ އެންމެންގެ ބައިވެރިވުން ހިއްސާ ކުރާ އެންމެންގެ އެއްޗެކެވެ.. މިހެންވެ އިޖްތިމާއީ ކުޅިވަރާއި ވާދަވެރި ކުޅިވަރުތައް ވެސް ތިޔަބޭފުޅުންނާ ހަމަ އަށް ގެނެސްދިނުމަށް ވޭތުވެދިޔަ 46 އަހަރުގެ ތެރޭގައި ޓީވީ މޯލްޑިވްސް ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ. އެއީ ބައެއް ފަހަރު އިގްތިސާދީ އަދި އެ ނޫން ބައެއް ގެއްލުންތަކާ ވެސް އެކުއެވެ.
1978 ވަނަ އަހަރު ޓީވީއެމް އުފެދުނީއްސުރެ ގައުމީ ފުޓްބޯޅަ މެޗުތައް ވަގުތުން ގެނެސްދިނުމަށް ޓީވީން ދެމުން އަންނަނީ ވަރަށް ބޮޑު ސަމާލުކަމެއް. ބައެއް ފަހަރު އެ މެޗެއް ކުޅޭ ގައުމަކަށް ޓީވީގެ ކެމެރާތައް ފޮނުވައިގެންވެސް ތިޔަބޭފުޅުންނާ ހަމަ އަށް، މަންޒަރާއި އަޑު ވަގުތުން ގެނެސްދީފައިވާނެ އެވެ. މިގޮތުން ފަހަކަށް އައިސް ފުޓްބޯޅައިގައި ރާއްޖެ ތަމްސީލު ކުރި ގިނަ މެޗުތަކެއް ވަގުތުން ދުރަށް ދެއްކީ ކުންފުނީގެ ގޭމް ޕްލޭނުގެ ވަރަށް މުހިއްމު ބައެއް ކަންތައްތަކަށް މަޑުޖެހުން ގެނުވައިފައެވެ. ޓީވީގެ ސިގްނަލް ނުފޯރާ ހިސާބެއްގައި ކުޅޭ މެޗެއް ނަމަ ވީއެންމެ އަވަހަކަށް އެ މެޗެއްގެ މަންޒަރުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވަނީ ކުޅިވަރާއި ޕީއެސްއެމާ ދެމެދު އޮތް ބަދަހި ގުޅުމުގެ ތެރެއިންނެވެ.
ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ދިވެހިންނަށް ގެނެސްދިނުމުގެ ފެށުމަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ބައެއް މެޗުތައް ޓީވީން ދުރަށް ދައްކަން ފެށުމެވެ. މިއާއެކު ޔޫރޯ އާއި ވޯލްޑްކަޕް ފަދަ ބޮޑެތި މުބާރާތްތަކުން ދިވެހިން މަހުރޫމްވިޔަ ނުދިނުމަށް ޕޭ ޓީވީ އޮޕަރޭޓަރުންނާއެކު މި ފަހުން ކުޅެން ޖެހުނީ ވަރަށް ވަރުގަދަ މެޗުތަކެވެ. އެއީ މެޗުތައް ވަގުތުން ދުރަށްދެއްކުމަށް ހިނގާ ހަރަދު އަހަރުން އަހަރުން ބޮޑުވަމުންދާތީވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުތައް ވަގުތުން ނުފެނިދާނެ ކަމުގެ ބިރު ބައެއް ފަހަރު ހީވި ނަމަވެސް އެއްވެސް އަގަކާ ނުލައި ހިލޭ ސާބަހަށް ދިވެހިންނަށް އެ މެޗުތައް ދައްކަން ޕީއެސްއެމުން ފަހަށް ނުޖެހިކުރިއަށްދަނީ އާއްމު ފަރުދުންގެ ވިންދާއި އިހުސާސްތައް ވަޒަންކުރެވޭތީވެއެވެ. ބޮލަކަށް ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނު ނަމަވެސް ޕީއެސްއެމުގެ ޗެނަލްތަކުން މެޗުތައް ދައްކަނީ މިއީ ރައްޔިތުންގެ މީޑިއާ ކުންފުނި ކަމަށްވާތީވެ އެކަށީގެންވާ މަންފާއެއްވެސް ނެތިއެވެ. ބައެއް މެޗުތައް ސްޕޮންސަރެއްގެ އެހީއާ ވެސް ނުލައި. ކުންފުނީގެ އިޖްތިމާއީ ޒިންމާއެއް ކަމަށް ދެކިގެންނެވެ.
މެޗުތައް ވަގުތުންނާއި ފަހުން ގެނެސް ދިނުމުގެ އިތުރުން ކުޅިވަރުގެ މައުލޫމާތުތައް ވީ އެންމެ ތާޒާކޮށް ގެނެސްދިނުމަކީ ވެސް ޕީއެސްއެމްގެ މެނޭޖްމަންޓުން އިސްކަންދޭ ކަމެކެވެ. ޔޫރޯ ކަވަރޭޖް އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން އުފެއްދި ޔެސް ޗެނަލުން އަންނަނީ މެދުނުކެނޑި މެޗުތައް ލައިވްކުރަމުންނެވެ. ކުޅިވަރުގެ އެކިކަންކަމަށް ހާއްސަކޮށްގެން އުފައްދާ ތަފާތު ޕްރޮގްރާމްތައް ކުންފުނީގެ އެކި ޗެނަލްތަކުން ގެނެސްދެމުންދާއިރު ޕީއެސްއެމް ސްޕޯޓްސްގެ ނަމުގައި ކޮންމެ ދުވަހަކު 15 މިނިޓްގެ ކުޅިވަރުގެ ބުލެޓިންއެއް ގަވާއިދުން އަންނަނީ ގެނެސްދެމުންނެވެ. މީގެ އިތުރުން އަތޮޅު އަދި ރަށު ފެންވަރުގައި ކުޅެވޭ ކުޅިވަރުތަކުގެ ގަވާއިދުން އަންނަނީ ހިމަނަމުންނެވެ.
ކުޅިވަރަށް ޕީއެސްއެމުން މިހާބޮޑަށް އަހަންމިއްޔަތު ކަމެއް ދެމުން އަންނަނީ ކުޅިވަރަކީ ގައުމީ ރޫހާއި ޖޯޝުން ފުރިފައިވާ އިޖްތިމާއީ ހަރަކާތަކަށްވުމުންނެވެ. ކުޅިވަރުގެ ފޯރިން އެއްވެސް ދިވެއްސަކު މަހުރޫމްވުމަށް ތިޔައިގެތެރެއިން އެއްވެސް ބޭފުޅަކު ބޭނުންނުވާތީވެއެވެ. ކުޅިވަރާ ނުލައި ދިވެހިންގެ ހިތަކު ވިންދެއް ވިންދެއް ނުޖެހާނެކަން ޕީއެސްއެމަށް ވަރަށް ސާފުކޮށް އެނގޭތީވެއެވެ. މިއީ ކުޅިވަރަށް މީހުން ލޯ ހުޅުވައިދީ ކުޅިވަރު ކުރިއަރުވައި ޕްރޮމޯޓްކުރުމަށް ރާއްޖޭގައި މިއަދާ ހަމައަށްވެސް އެންމެ ފުޅާ ހިދުމަތްތަކެއް ކުރި ތިޔަބޭފުޅުންގެ ޗެނަލެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އާއްމުންނަށް އަގަކާނުލައި މުޅިން ހިލޭ ބެލޭނެހެން ޕީއެސްއެމަށް މި ގެނެސްދެވުނީ ސަރުކާރާއި ބައެއް ކައުންފުނިތަކުގެ އެހީތެރިކަން ލިބުމުންނެވެ. ޕީއެސްއެމް ފޯރި ނަމުގައި ގެނެސްދިން ކަވަރޭޖަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ހިފެހެއްޓުމެއް ޝުކުރު އަރިސްކުރަމެވެ.