ޚަބަރު

ސައްތައިން ސައްތަ ރެކޯޑާއެކު، ރެކޯޑް ޗެމްޕިއަންކަން ސްޕެއިން އަށް!


  • []

ސައްތައިން ސައްތަ ރެކޯޑާއެކު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރެކޯޑް ޗެމްޕިއަންކަން ސްޕެއިން ހޯދައިފި އެވެ. 2-1 ން އިންގްލެންޑް ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން ކާމިޔާބުކުރުމާއެކު އެޓީމް ވެގެން ދިޔައީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމަށެވެ. މީގެކުރިން އެރެކޯޑް ސްޕެއިން އިން ދިޔައީ ޖަރުމަނާ ހިއްސާ ކުރަމުންނެވެ. އެއީ ތިން ފަހަރު ޗެމްޕިއަންކަން ހޯދައިގެންނެވެ.

ސްޕެއިން މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވެސް ސްޕެއިން އެވެ. ދެޓީމްކުރެ ޓީމަކަށް ރަނގަޅު އެޓޭކެއް ނުކުރެވުނު ފުރަތަމަ ހާފަށްފަހު، ސްޕެއިން އިން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ. އޭރިޔާ ތެރެއިން, ގޯލް އޭރިޔާ ކަނާ ދިމާލުން ނިކޯ ވިލިއަމް ތިރިން ފޮނުވާލީ ބޯޅަ ހުއްޓުވަން ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުުޞަތު ތަނަވަސްކޮށްދިނީ 17 އަހަރުގެ ޔަމާލް އެވެ. މިއީ މިމުބާރާތުގައި އޭނާ ތަނަވަސްކޮށްދިން ހަތަރު ވަނަ ފުރުޞަތެވެ.

އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރީ 70 ވަނަ މިނިޓްގައި ކުޅެން ނިކުމެ، 72 ވަނަ މިނިޓްގައި ކޯލް ޕަލްމާ އެވެ. އޭރިޔާ ތެރޭގައި ހުރެ ބެލިންގހަމް އޭރިޔާ ބޭރުން ޕަލްމާ އަށް ޖައްސާލުމުން އޭނާ ވަނީ ތިރިން ގޯލްގެ ކަނަށް ފޮނުވާލާފައެވެ. މެޗު އެއްވަރުވެ އިތުރު ވަގުތު ކުޅެން ޖެހިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ސްޕެއިން އަށް ޗެމްޕިއަންކަން ހޯދައިދިނީ 68 ވަނަ މިނިޓްގައި ކެޕްޓަން މޮރާޓާގެ ބަދަލުގައި ކުޅެން ނިކުއިން އޮޔާޒަބާލް އެވެ. އޭނާ ލަނޑު ޖެހީ ކުކުރެލާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. 87 ވަނަ މިނިޓްގައި ގޯލް އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލަށް ފޮނުވާލާފައެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތުން ފަހު މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް އިންގްލެންޑުން ދިޔައެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ތިންފަހަރެއްގެ މަތީން ފޮނުވާލި ނަމަވެސް ގޯލްގެ ލައިން ހުރަސް ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. ދެވަނަ ފަހަރަށް ފޮނުވާލުމުން ގޯލް ލައިން މަތިން އޮލްމޯ ދިފާއުކުރީ އެވެ. ތިންވަނަ ފަހަރަށް ފޮނުވާލެވުނީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފްގައި އެންމެ ރަނގަޅު އެޓޭކެއް ކުރީ އިންގްލެންޑްގެ ފިލް ފޮޑެން އެވެ. އިތުރު ވަގުތުގައި ގޯލްއޭރިޔާ ކަނާ ދިމާލުން ފޮޑެން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ އެވެ. އޭގެ ކުރިން 43 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ހެރީ ކޭން ފޮނުވާލި ބޯޅަ ބްލޮކް ކުރީ ރޮޑްރީގޯ އެވެ.

ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިޓްގައި އޭރިޔާ ތެރޭގައި ހުރި އޮލްމޯއަށް، ނިކޯ ޖައްސާލި ބޯޅަ ފޮނުވާލެވުނީ ބޭރަށެވެ. އޭގެ ފަހުން ކީޕަރު ކައިރިން ނައްޓާފަ މޮރާޓާ ޖައްސާލި ބޯޅަ ގޯލް އޭރިޔާ ތެރޭން ސްޓޯންސް ދިފާއުކުރި އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ނިކޯ ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒު ނުވިއެވެ. 63 ވަނަ މިނިޓްގައި އިންގްލެންޑްގެ ބެލިންގހަމް ޑީއޭރިޔާ ތެރޭން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

އޭރިޔާ ރޮނގުމަތިން ތިރިން ޔަމާން ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި 69 ވަނަ މިނިޓްގައި ފަބިއަން ރުއިޒް ޑީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ނިކޯ ވިލިއަމް އާއި އޮލްމޯ އާއި ޔަމާލް ގުޅިގެން 81 ވަނަ މިނިޓްގައި ތަނަވަސްކުރި ފުރުޞަތުގައި ޔަމާލް ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު ޕިކްފޯޑް އެވެ.

ސްޕެއިން އަތުން ވީބައްޔާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން އަދި ބޮޑު މުބާތާތެއް ފަހުގެ ތާރީޚުގައި ކާމިޔާބުކުރަން އިންގްލެންޑުން ކުރާ މަސައްކަތް ދިގު ދެމިގެން ދިޔައީ އެވެ. އަދި މިއީ ޔޫރޯ ފައިނަލްގައި އިނގިރޭސީންނަށް ވިދިވިދިގެން ކުރިމަތިވި ދެވަނަ ނާކާމިޔާބީ އެވެ.