ޚަބަރު

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ


  • ޖޫން މަހު ބޭރަށް ހިންގުން ޖެހިގެން 5179 މީހުން ފަރުވާ ހޯދާފައިވޭ

  • މެއި މަހު މި ބައްޔަށް ފަރުވާ ހޯދާފައިވަނީ 3508 މީހުން

މިއަހަރުގެ މެއި މަހާ އަޅާބަލާއިރު މިދިޔަ ޖޫން މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ގައިންގަޔަށް އަރާ ބަލިތަކުގެ ޙާލަތުގެ ރިޕޯޓުގައެވެ. އެޗްޕީއޭގެ ރިޕޯޓުގައިވަނީ ޑެންގީހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް ހިމަނާފައެވެ.

ރިޕޯޓުގައިވާގޮތުން މިދިޔަ ޖޫންމަހު ބޭރަށް ހިންގުން ޖެހިގެން 5179 މީހުން ފަރުވާ ހޯދާފައިވާއިރު، މެއި މަހު މިބައްޔަށް ފަރުވާ ހޯދާފައިވަނީ 3508 މީހުންނެވެ.

ބޭރަށް ހިންގުން ޖެހިގެން ފަރުވާ ހޯދާ މީހުން އިތުރުވެފައިވާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

* ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
* ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
* ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
* ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުން
* ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
* ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ކައްކައިގެން ބޭނުން ކުރުން

ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ ކުރެވިދާނެ ކަންތައް:

* ގިނަ ގިނައިން ލޮނުޕެކެޓު (އޯ.އާރް.އެސް)، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިޔުން
* ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން، ކުޑަކަމުދެވޭ މިންވަރު މަދުވުން، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުން، ބޮޑުކަމުދެވޭތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން

އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދުވަނީ ދަށަށް ގޮސްފައެވެ. މެއި މަހު 675 މީހުންނަށް ޑެންގީ ހުން ޖެހިފައިވާއިރު ޖުލައިމަހު 623 މީހަކަށް ޑެންގީ ހުން ޖެހިފައިވެއެވެ.

ޑެންގީ ހުންޖެހުނު މީހުންގެ އަދަދު މަދުވެފައިވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ނެރުނު ބަލިތަކުގެ ޙާލަތު ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު ވަނީ އިތުރުވެފައެވެ.
އެގޮތުން މެއި މަހު 22983 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު ޖޫން މަހު އަރިދަފުސް ރޯގާ ޖެހިފައިވަނީ 32738 މީހަކަށެވެ.

މެއި މަހާ އަޅާބަލާއިރު ޖޫން މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން މަހު އިންފުލުއެންޒާއަށް 395 މީހުން ޓެސްޓކުރެވިފައިވާއިރު 137 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

މިއަހަރު މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓް ކުރެވުނު 1753 ސާމްޕަލްގެ ތެރެއިން 337 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވެއެވެ.