ރާއްޖޭގައި ހަށި ވިއްކުމުގެ ބޭނުމަށް ގިނަ ޢަދަދެއްގެ ބިދޭސީ އަންހެނުންތަކެއް އެތެރެކުރި މައްސަލާގައި ހިމެނޭ ހުރިހާ އެންމެން ޑީޕޯޓްކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީންނާ ގުޅޭ ސީރިއަސް ތިން މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ.
ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރާއިރު، ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީންވެސް ފާހަގަކުރެވިފައިވާ މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޗީޕް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޝިފާން ވިދާޅުވީ މިމަހުގެ 3 ވަނަ ދުވަހު ވިސްޓާ އެއަރލައިނުން ބަންގްލަދޭޝްގެ 4 މީހަކު ޤަވައިދާ ޚިލާފަށް އެތެރެވާން އުޅުނުކަމަށެވެ. އެމީހުން ރާއްޖެ އެތެރެވާން މަސައްކަތްކުރީ ނަކަލުކޮށްފައިވާ ގްރީސްގެ އެގްޒިޓް ސްޓޭމްޕްގައި ކަމަށެވެ. އަދި ބެލި ބެލުމުން އެމީހުން ރާއްޖެ އެތެރެވެފައި، ޔޫރަޕްގެ އެހެން ޤައުމަކަށް ދާން މަސައްކަތް ކުރިކަން ފާހަގަކުރެވުނުކަމަށް ޝިފާން ވިދާޅުވިއެވެ.
"ރާއްޖޭގެ އެންޓްރީ ސްޓޭމްޕް ލިބިއްޖެއްޔާ އެބަ ފަސޭހަވޭ އެހެން ޤައުމަކަށް ވަންނަން. އެހެންކަމުން ރާއްޖެ އެބަ ބޭނުންކޮށް ޓާގެޓް ކުރޭ ޓްރާންސިޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި." ޝިފާން ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޝިފާން ފާހަގަކުރެއްވީ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ބަންގްލަދޭޝް ފިރިހެނަކު ޤަވައިދާ ޚިލާފަށް ރާއްޖެއަށް ގިނަ ޢަދަދެއްގެ ބިދޭސީން އެތެރެކުރި މައްސަލައެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ހަށިވިއްކުމުގެ ބޭނުމަށް އެމީހާ 23 ބިދޭސީ އަންހެނުން ރާއްޖެ އެތެރެކުރިކަމަށް ޝިފާން ވިދާޅުވިއެވެ. ޝިފާން ވަނީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު އެ ބިދޭސީ ފިރިހެންމީހާއާއި، އޭނާ އެތެރެކުރި ހުރިހާ އެންމެންވެސް ޑީޕޯޓްކޮށްލާފައިވާކަމަށެވެ.
ތިން ވަނަ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކަޅު ބާޒާރުގައި ފައިސާގެ މުއާމާލަތް ކުރި 8 ބިދޭސީއެއްގެ މައްސަލައެވެ. އޭގެތެރެއިން 6 މީހުން މިހާރު ޑީޕޯޓްކޮށްލާފައިވާކަމަށާއި، އަނެއް ދެމީހުންވެސް އަނބުރާ ފޮނުވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޝިފާން ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ޚާއްޞަ އޮޕަރޭޝަނެއް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.