ޚަބަރު

ގއ އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކުރެވޭ ނިޒާމު ޤާއިމްކުރަނީ


  • ގއ އަތޮޅުގެ ރަށްތަކަށް އައިޑީކާޑު ޑިސްޓްރިބިޔުޓް ކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެ

  • ޑީއެންއާރުގެ އަމާޒަކީ ޚިދުމަތަށް އެދޭތާ 24 ގަޑިއިރު ތެރޭ އައިޑީ ކާޑު ހައްދައިދިނުން

ގއ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ނިޒާމް ޤާއިމްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި ގއ.އަތޮޅު ކައުންސިލާ ދެމެދުއެވެ.

މިފަހުމުނާމާއާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ މިފަހުމުނާމާގެ ދަށުން ގއ.އަތޮޅު ކައުންސިލްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ އިތުރުން އަތޮޅު ކައުންސިލް މެދުވެރި ގއ.އަތޮޅުގެ ރަށްތަކަށް އައިޑީކާޑު ޑިސްޓްރިބިޔުޓް ކުރެވޭނެ ނެޓްވަރކެއް ޤާއިމްކުރެވޭނެކަމަށެވެ.

ފަހުމުނާމާގައި ޑީއެންއާރުގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރުގެ ނައިބު އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އަޙްމަދު ޢާލީއެވެ. ގއ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީނެވެ.

ޑީއެންއާރުގެ އަމާޒަކީ އައިޑީ ކާޑު ހައްދަން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑު ހައްދައިދިނުމެވެ. މިކަމަށްޓަކައި އައިޑީ ކާޑު ޕްރިންޓްކޮށް ޑިސްޓްރިބިޔުޓް ކުރެވޭ ނިޒާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމުގެ މަސައްކަތް ޑީއެންއާރުން ދަނީ ކުރަމުންނެވެ.

އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތަށް ޕޯޓަލެއް ހެދުމުގެ މަސައްކަތްވެސް ޑީއެންއާރުން ދަނީ ކުރަމުންނެވެ.