ޚަބަރު

ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް އުދައަރަނީ


  • އުދަ އެރުމުން ބޮޑު ގެއްލުމެއްވެގެން ރިޕޯޓުކޮށްފައިނުވޭ

  • ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދު

ދެކުނާއި މެދުރާއްޖެތެރޭގެ ރަށްރަށަށް އުދަ އަރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ރެއިން ފެށިގެން ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރަމުންދާކަމަށް މަޢުލޫމާތު ލިބެމުންދާކަމަށެވެ. އެހެންނަމަވެސް ގެދޮރަށް ގެއްލުންތަކެއް ވެގެން މިހާތަނަށް އެއްވެސް ރަށަކުން ރިޕޯޓުކޮށްފައި ނުވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ދެކުނާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެކަމަށް ލަފާކޮށް މުސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރުފަހު 1:15 އާއި ހަވީރު 5:15 އާ ހަމައަށް އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

މިއަދު މާލޭގެ ބައެއް ސަރަޙައްދުތަކަށްވެސް ދަނީ އުދަ އަރަމުންނެވެ. އެގޮތުން ސިނަމާލެ ބުރިޖާއި މާލޭގެ ބޭރު މަގުގެ ބައެއް ސަރަހައްދުތަކަށް ރާޅު އަރާ ފެންބޮޑުވެފައިވެއެވެ. މީގެ އިތުރުން ލ. ފޮނަދޫއަށްވެސް އުދަ އަރާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރުގެ ރަށްރަށަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. މެދު ރާއްޖެތެރެއާއި ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ 1 ފޫޓާއި 4 ފޫޓާ ދެމެދުއެވެ.