ޚަބަރު

2700 އަށްވުރެ ގިނަ ކުދިން ތެލެސީމިއާއަށް ސްކްރީންކޮށްފި


  • ޖޫން މަހުގެ ނިޔަލަށް 2707 ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކޮށްފައިވޭ

  • ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ 2483 ސެޝަން ހިންގާފައިވޭ

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން މިހާތަނަށް 2700 އަށްވުރެ ގިނަ ކުދިން ތެލެސީމިއާއަށް ސްކްރީންކޮށްފިއެވެ.

ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރިއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 2707 ދަރިވަރަކު ތެލެސީމިއާއަށް ސްކްރީންކޮށްފައިވާ ކަމަށެވެ. އަދި ހަމަ މި މުއްދަތުގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ 2483 ސެޝަން، މާލެއާއި އަތޮޅުތަކުގެ 16 ސްކޫލަކާއި ސަރުކާރުގެ 4 އޮފީހެއް ކުރިއަށް ގެންގޮސްފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.

ސްކޫލްތަކުގެ ތެރެއިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޕްރޮގްރާމް ފުރަތަމަ ފެށީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގްރޭޑް 10ގެ ދަރިވަރުންނަށް ޚާއްސަކޮށްގެންނެވެ. މީގެ އިތުރަށް ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރިކުރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ތެލަސީމިއާއާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން ތެލަސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އޮފީސްތަކުގައިވެސް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.