ޚަބަރު

ބަނދަރު އޮޕަރޭޝަނަށް އެމްޕީއެލްގެ މުވައްޒަފުން އަހުލުވެރިކުރަނީ؛ މަސައްކަތް މިހާރަށްވުރެ އަވަސްވާނެ


  • އެމްޕީއެލްގެ ވެރިން ވަނީ ބޯޓުތަކަށް އަރާ ކާގޯ އޮޕަރޭޝަން ތަޖުރިބާކޮށްފައި

  • މީގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތައް އަވަސް ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން ކުންފުނީގެ ކާގޯ އޮޕަރޭޝަނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް އެކުންފުނިން ފަށައިފިއެވެ.

މިޕްރޮގްރާމް ފަށްޓަވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. މިޕްރޮގްރާމް ފަށްޓަވައި ދެއްވައި ކުންފުނީގެ މުވައްޒަފުންނާއި ވާހަކަ ދައްވަމުން ސީއީއޯ ވަޖީހު ވިދާޅުވީ މި ފަދަ ޕްރޮގްރާމެއްގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ދިއުމަށް މަގު ފަހިވާނެ ކަމަށެވެ. އަދި މުވައްޒަފަކު މަދުވާ ހާލަތުގައިވެސް އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މި ޕްރޮގްރާމު ފެށުމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިއީއޯ ވަޖީހު ވިދާޅުވީ، މި ޕްރޮގްރާމް ނިމޭއިރު ކުންފުނީގެ ވެރިންނާއި ހިސާބުން ފެށިގެން ކުންފުނީގެ މަސައްކަތު މީހުންނާ ހަމައަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާގޮތް ސާފުވާނެ ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ 2 ހަފްތާ ތެރޭގައި މިކަން ނިންމާލެވޭނެ ކަމަށް. އަޅުގަނޑުމެންގެ ޓާގެޓަކީ ކުންފުނީގެ ހުރިހާ ވެރިންނާއި މުވައްޒަފުންނަށް އެނގެންޖެހޭނެ، މަސައްކަތުގެ ހުރި މުހިންމުކަން. މިކަން ނިމުމުން ކުންފުނީގެ މި މަސައްކަތުގައި ހުރި ދަތިތަކަށް ހޭލުންތެރިވާނެ. އޭހާ ހިސާބުން ކުންފުނީގެ އޮޕަރޭޝަން މިހާރަށް ވުރެ ބޮޑަށް އަވަސް ވެގެންދާނެ " ވަޖީހު ވިދާޅުވިއެވެ.

މިޕްރޮގްރާމް ފަށްޓަވައިދެއްވުމަށްފަހު ސީއީއޯއާއި ކުންފުނީގެ އިސްވެރިން ވަނީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި އޮޕަރޭޝަންގެ މައުލޫމާތު ސާފު ކުރައްވާފައެވެ. މީގެ އިތުރުން ކުންފުނީގެ އެންމެ އިސް ވެރިން ވަނީ އޮޕަރޭޝަން ހިނގާ ގޮތް ތަޖުރިބާ ކޮށްފައެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ކުންފުނީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދާނީ ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުންނަށް ޓަގާއި ބޯޓު އަދި ބާޖުތަކުގައި އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ދޭނެއެވެ. އަދި އެ އޮޕަރޭޝަންތަކުގައި ހުރި ގޮންޖެހުންތައް ކުންފުނީގެ މުވައްޒަފުންނަށް ސާފުކޮށްދޭނެއެވެ.