ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އީ-ލައިބްރަރީއަށް ފޮތް ހަދިޔާކުރަން އެދިއްޖެ


  • އީ-ލައިބްރަރީ ލޯންޗުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު

  • 2008 ވަނަ އަހަރުން ފެށިގެން ވުޒާރާއިން ނެރުނު ފޮތްތައް ކިޔޭނެ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ހިމެނޭ އޮންލައިން-ބުކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ލިޔުންތެރިންގެ ކިބައިން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

މިދިޔަ ހުކުރު ދުވަހު ލޯންޗުކުރި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އައު ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހިމެނެއެވެ. މި ލައިބްރަރީގައި 2008 ވަނަ އަހަރުން ފެށިގެން އެ ވުޒާރާއިން ނެރެފައިވާ ފޮތްތައް އޮންލައިންކޮށް ކިޔައިލެވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ އިސްލާމީ އަދި ތަފާތު ދާއިރާތަކުން ވީހާވެސް ގިނަ އަދަދެއްގެ ފޮތްތައް، ވުޒާރާގެ އީ-ލައިބްރަރީން ކިޔޭނެ ގޮތް ހެދުން ކަމަށެވެ. އަދި ހުރިހާ ޢިލްމުވެރިންނާއި ލިޔުންތެރިން، އީ-ލައިބްރަރީއަށް ފޮތް ހަދިޔާކުރެއްވުމަށް ޕޯސްޓުގައި ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.


އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއަށް ގުޅައިގެން އޮންލައިން ލައިބްރަރީއަށް ފޮތް ހަދިޔާ ކުރެވޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި މަޝްހޫރު ދީނީ ފޮތްތައްކަމަށްވާ ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ ފޮތްތަކުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާއާއި، ފިޤުހާއި، ކީރިތި ރަސޫލާގެ ސުންނަތާއި، ހިދާޔަތުގެ އަލި މަޖައްލާ ފަދަ ފޮތްތަކާއި މަޖައްލާތައް މި ލައިބްރަރީގައި އޮންލައިންކޮށް ކިޔެން ހުރެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި، އެތަނަށް ގޮސްވެސް ފޮތްކިޔޭނެފަދަ ލައިބްރަރީއެއް ޤާއިމްކޮށްފައިހުރެއެވެ. ނަމަވެސް އެ ލައިބްރަރީ މިވަގުތު ހުރީ ބަންދުކޮށްފައެވެ.