ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އެންއެޗްޖީއޭއެމްއާއެކު މަސައްކަތް ފަށަނީ


  • ބޭނުމަކީ ފަތުރުވެރިންގެ މެދުގައި އެންމެ ދާންބޭނުންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން

  • މާކެޓިންގ މަސައްކަތްތަކާއި ބައިވެރިން ރެކްރޫޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ

ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއިއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ފަތުރުވެރިންގެ މެދުގައި އެންމެ ދާންބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރުކުރުމެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އަދި އެންއެޗްޖީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އަހުމަދު ވަހީދެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ކުރިއަރަމުން އަންނަ މާކެޓުތަކަށް ވަނުމަށް އެންއެޗްޖީއޭއެމާ އެކު ގުޅުން ބަދަހިކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ސްޓްރެޓީޖިކް އެމްއޯޔޫގެ ދަށުން، އެންއެޗްޖީއޭއެމްއިން މާކެޓިންގ މަސައްކަތްތަކާއި ބައިވެރިން ރެކްރޫޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. މީގެ އިތުރުން، އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް) 2024 ފަދަ އެކިއެކި ހަރަކާތްތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށާއި، ލޯކަލް އައިލަންޑް ފަތުރުވެރިކަން ކުރިއެރުވުމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ވެސް އެއްބާރުލުން ދޭނެއެވެ.

އޭޓީއެފް 2024އަކީ މުޅި އޭޝިއާގެ ސަރުކާރުތަކާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ތަރައްގީގެ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް މުހިންމު ޕްލެޓްފޯމެކެވެ. އެއީ ނެޓްވޯކިންގ، ޕާޓްނަރޝިޕް ބިލްޑިންގ، އަދި ސަގާފީ ބަދަލުކުރުމުގެ އަގުހުރި ފުރުސަތުތަކެއް ލިބިގެންދާ ހަރަކާތެކެވެ.

އެމްއެމްޕީއާރުސީއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖެ އަކީ ހުރިހާ މާކެޓްތަކުގައިވެސް އެންމެ އިސްކަންދޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމަށެވެ.