ޚަބަރު

ވަޒީރު އިސްކޮށް ހުންނަވައިގެން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ހަރަކާތެއް


  • މި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ 3 ސިޓީއެއްގައި

  • ރޯޑްޝޯ ކުރިއަށްދަނީ 30 ޖުލައި އިން 3 އޮގަސްޓަށް

  • މި ހަރަކާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ

"ވެލްކަމް އިންޑިއާ" ނަމުގެ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ ރޯޑްޝޯ ކޮންސެޕްޓަށް ބާއްވާ މި ހަރަކާތުގެ މަގްސަދަކީ ބޮޑު ތިން ސިޓީއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން ކަމަށެވެ.

މި ރޯޑްޝޯ ބާއްވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޮ އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންއެޗްޖީއޭއެމް ގުޅިގެންނެވެ.

މި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައިގައި ނިއުދިއްލީގައި، 01 އޮގަސްޓްގައި މުމްބާއީގައި އަދި 03 އޮގަސްޓްގައި ބެންގަލޫރުގައެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލް ކުރައްވާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލްއާއި އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓުއަރިޒަމް ޑިވެލޮޕްމަންޓް މުޙައްމަދު ޚަލީލުއެވެ.

މި ހަރަކާތުގައި ދެ ޤައުމުގެ އިންޑަސްޓްރީގެ އިސް ފަރާތްތައް އެއްތަނަކަށް ޖަމާވެ، އާ ޕާޓްނަރޝިޕްތައް އުފައްދައި، މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭނެ ޕްލެޓްފޯމެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

ރޯޑްޝޯގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކުރުމުގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ހޯދުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ. އަދި ކޮންމެ ރޯޑްޝޯއެއްގައި ރެފްލް ގިވްއަވޭއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. ރެފްލް ސްޕޮންސަރުންގެ ތެރޭގައި ކަނޑިންމާ މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރީނާ ހޮޓެލްސް، ކާނީ ހޮޓެލްސް، ވިލާ ނޯޓިކާ، ސިއްރު ފެން ފުށި، ހޮލިޑޭ އިން ކަންޑޫމާ އަދި އަލީލާ ކޮތައިފަރު މޯލްޑިވްސް ހިމެނެއެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ޤައުމެކެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އަހަރުވެސް މިހާތަނަށް އެޤައުމުން ރާއްޖެއަށް 70000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ ރާއްޖެއަށް މިހާރު 7ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމެވެ. އެޤައުމުން ރައްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.