ޚަބަރު

ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ މުއްދަތަށްވުރެ ފެންވަރަށް ބެލުން މުހިންމު: މަތީ ތަޢުލީމާބެހޭ ވަޒީރު


  • ސަރުކާރުގެ ސިޔާސަތު ބައްޓަންކުރަނީ މަތީ ތަޢުލީމާއި ތަމްރީނަށް ފަހިވާގޮތަށް

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އޮންނަ މުއްދަތު ކުޑަކުރުމަށްވުރެބޮޑަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުން ޤާނޫނުން ކަށަވަރުކުރުން މުހިންމުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މަތީ ތަޢުލީމާ ބެހޭ ބިލާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކައްކަމުންނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ބައްޓަންކުރަނީ މަތީ ތަޢުލީމާއި ތަމްރީނު ފަހިވާގޮތަށް އިންތިޒާމް ހަމަޖެއްސުމާއި މަތީ ތައުލީމުގެ ހިންގުން ހަރުދަނާ ކުރުމަށްކަމަށެވެ.

އެގޮތުން މަތީ ތަޢުލީމާބެހޭ ޤާނޫނު އިސްލާހު ކުރާއިރު މަތީ ތައުލީމުގެ ފެންވަރާއި ދައުރު ހިފެހެއްޓޭނެ ނިޒާމުތައް ހަމަޖެހި ބޭރު ގައުމުތަކުގައި ކިޔެވުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުމަށް ފެންނަކަމަށް ޑރ.މާރިޔާ ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށައަޅުއްވާފައިވާ އިޞްލާހުގައި ވަނީ ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ އެކޮލެޖަކަށް ލިބިދާނެކަމަށެވެ.

އެކަމަށް އިޝާރާތްކުރައްވާ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކޮލެޖެއް ނުވަތަ އިންސްޓިއުޓެއް ވަކި މުއްދަތެއްގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވާއިރު އެތަނެއްގެ ފެންވަރު ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ފެންވަރުު ބެލޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ޑރ.މާރިޔާ ވިދާޅުވީ ކޮލެޖެއް 15 އަހަރުގެ މުއްދަތުގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވުމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ. އެހެންނަމަވެސް އެ 15 އަހަރަކީ ފެންވަރު ރަނގަޅު ތައުލީމުދޭ ތަނަކަށް ވާން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަނގަޅު އިންސްޓިޓިއުޓެއް ކޮލެޖަކަށް ބަދަލުކުރުމަށް ކިޔަވައިދިނުމުގެ ފެންވަރުގެ އިތުރުން ވަރުގަދަ ރިސާޗު ޕްރޮގްރާމުތަކާއި، ޕީއެޗްޑީ ހާސިލްކޮށްފައި ތިބި ތަޢުލީމީ ޢިލްމީ ބޭފުޅުން އެތަނެއްގައި ތިބެން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކިޔަވާދީނުމުގެ ކޮލިޓީގެ އިތުރުން ރިސާރޗް ޔުނިވަރސިޓީއެެއްގައި ހުންނަން ޖެހޭ ނުވަތަ އިންސިޓިއުޓްއެއްގައި ރިސާރޗް ވަރަށް ވަރުގަދަ ވާން ޖެހޭނެ. އެހެންވީމައި ރިސާރޗް ޕްރޮގްރާމްވެސް ހުންނަން ޖެހޭނެ. މީގެ އިތުރުން މަތީ ތައުލީމު ޕީއެޗްޑީ ހައްދަވައިފައި ތިއްބެވި ބޭފުޅުންވެސް ތިއްބަވަން ޖެހޭނެ. އެއީ ޔުނިވާރސީޓީއެއްގައި ކޮލިޓީ ރަނގަޅު ބޭފުޅުން ތިބެގެން ދަރިވަރުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް މަގުފަހިކޮށްދެވޭނީ" ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ގާނޫނު އިސްލާހު ކުރުމަށް ޔުނިވާސިޓީއާއި ކޮލެޖުތަކާއެކުވެސް މަޝްވަރާކުރުން މުހިންމުކަމަށެވެ.

ޤާނޫނުގައި މިހާރު އޮތްގޮތުން ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަނެވެ. ރާއްޖޭން ބޭރު ޤައުމެއްގައި އެ ޤައުމުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަންތަނަށްވެސް މި ޤާނޫނުގެ ދަށުން ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވެއެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 20 އަހަރުގެ މުއްދަތު 15 އަހަރަށް ދަށް ކުރުމަށެވެ.

މީގެ އިތުރުން ޔުނިވަރސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުންކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް އިސްލާހު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަ ޖެހޭ ޝަރުތުތައް ތަފްސީލުކޮށް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.