ޚަބަރު

އޯ ލެވެލް ނިންމާ ކުދިންނަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި ވޮލަންޓިއާކޮށް މަސައްކަތްކުރުމުގެ ފުރުޞަތު


  • މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުޞަތެއް

  • އަންނަ ބުދަ ދުވަހުގެ މެންދުރު 1:30 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި

އޯ ލެވެލް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދޭން ނިންމައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ގްރޭޑް 10 ނިންމާފައި މިހާރު ތިބި ކުދިންނަށްވެސް އެ ފުރުޞަތު އޮންނާނެ ކަމަށާއި، މިއަދުން ފެށިގެން ކުރިމަތިލެވޭނެ ކަމަށެވެ. ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އަންނަ ބުދަ ދުވަހުގެ މެންދުރު 1:30 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ވޮލަންޓިއާކޮށް މަސައްކަތް ކުރަން ހުޅުވާލީ އޯ ލެވެލްއަށް ފަހު ވަޒީފާގެ މާހައުލަށް ނުކުންނަ ދަރިވަރުންނަށް، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތަށް ޝައުގުވެރިކަން އުފެއްދުމަށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި 3 މަސް ދުވަހު އެ ވުޒާރާގައި މަސައްކަތް ކުރަން ފުރުޞަތު ދިނުމަށް ފަހު ތަޖުރިބާގެ ސެޓްފިކެޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

3 މަހަށްވުރެ ގިނައިން މަސައްކަތުގެ ތަޖުރިބާ ބޭނުންވާ ކުދިންނަށް އެ ފުރުޞަތުވެސް ދޭން އެ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަތިީ ތައުލީމާއި ބެހޭ ވުޒާރާގައި މަސައްކަތް ކުރަން ޝައުގުވެރިވާ ކުދިން ވޮލެންޓިއާކޮށް މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކޮށް ލިޔުމަކާއި ސީވީއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީގެ އިތުރުން 18 އަހަރު ފުރިފައި ނުވާ ނަމަ، ވޮލެންޓިއާކޮށް މަސައްކަތްކުރުމާ މެދު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށައަޅަންޖެހެއެވެ.