ޚަބަރު

މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއް


  • މިއީ 5 އަހަރު ދުވަހަށް އެކުލަވާލާފައިވާ އެއްބަސްވުމެއް

  • މިއެއްބަސްވުމުގެ ދަށުން މުވައްޒަފުން ތަމްރީންކުރާނެ

ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސްޓެލްކޯއިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ޕޮލިޓެކްނިކުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީންއެވެ.

ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު އެކުލަވާލި އެއްބަސްވުމަކީ ސްޓެލްކޯއަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް އެކުލަވާލި އެއްބަސްވުމެކެވެ. އަދި ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމަކީވެސް މި އެއްބަސްވުން އެކުލަވާލި ބޭނުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޕޮލިޓެކްނިކުން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. އަދި މާލެއާއި ގްރޭޓަރ މާލެ ރީޖަންގެ އިންޖީނުގެތަކުގައި އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، މިމަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، އެ ފުރުޞަތު ފޯރުކޮށްދިނުމާއި ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުންވެސް ހިމެނެއެވެ.

މިއެއްބަސްވުމުގައި ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހުރި ސްޓެލްކޯގެ މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެފުރުޞަތު ފޯރުކޮށްދޭނެއެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކާއި ގުޅުންހުރި "އިން-ހައުސް ޓްރެއިނިންގ" ޕްރޮގްރާމްތަކުގައި ޖާގައޮތް މިންވަރަކުން، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ފަދަ ކަންކަން މި އެއްބަސްވުމުގައި ހިމެނެއެވެ.

ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ވެފައިވާ އެއްބަސްވުމަކީ 5 އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.