ޚަބަރު

ސޫފާސޫފި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ ޤަވާއިދު ޢާންމުކޮށް ޢަމަލުކުރަން ފަށައިފި


  • ޤަވާއިދުގެ ބޭނުމަކީ ބަލިތައް މަދުކުރުން

  • ޤަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނަކުރާނެ

  • އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައި

މަދިރިއާއި މީދަލާއި، އެނޫންވެސް ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ އުސޫލުތައް ބަޔާންކޮށް ޤަވައިދެއް އާއްމުކޮށްފިއެވެ. މި ޤަވައިދު އެކުލަވާލާފައިވަނީ "ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުންނެވެ. ޤަވައިދު ތަންފީޒުކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

ޤަވާއިދު އެކުލަވާލުމުގެ ބޭނުމަކީ މަދިރި، މީދާ އަދި ބަލި ފަތުރާ އެހެނިހެން ސޫފާސޫފީގެ ޒަރީއާއިން ފެތުރިދާނެ ބައްޔަކުން ނުވަތަ ސިއްޙީ ނުރައްކަލަކުން މުޖުތަމަޢު ރައްކާތެރިކުރުމެވެ. އެގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ދިރިނޫޅޭ ތަންތަން، ޢާއްމު ތަންތަން، މީހުން މަސައްކަތްކުރާ ތަންތަނުގައި އެކިކަހަލަ ސޫފާސޫފި ކޮންޓްރޯލްކުރުމުގެ މިންގަނޑުތަކާ އުސޫލުތައް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

ޤަވާއިދުގައިވަނީ މީހުން ދިއުޅޭ ތަންތަނުގައި އަދި އާންމު ތަންތަނުގައި ސޫފާސޫފި އާލާވެ އުޅޭ ތަންތަނުގެ ގޮތުގައި ބަލާ ތަންތަން ލިސްޓްކޮށްފައެވެ. އަދި މަދިރިއާއި މީދަލާއި އެހެނިހެން ސޫފާ ސޫފި އާލާވާ ތަންތަނާއި ތަކެތި ނައްތާލަނެ ގޮތްތައްވެސް ޤަވާއިދުގައި ވަނީ ހިމަނާފައެވެ.

މި ޤަވާއިދުގައި ބުނާގޮތަށް ގޭގެއާއި އަމިއްލަ ތަންތަނުގައި އުފެދޭ ސޫފާސޫފި ނައްތާލުމަކީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެކެވެ. އަދި ޢިމާރާތްކުރާ ތަނެއްގައި ނަމަ އެ ސޫފާސޫފި ނައްތާލުމަކީ އެތަނެއް ޢިމާރާތްކުރާ ފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެކެވެ. އާންމު ތަންތަނުގައި ސޫފާސޫފި އާލާވާ ތަންތަނާ ތަކެތި ނައްތާލުމާ ބެލެހެއްޓުމަކީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްގެ ޒިންމާއެކެވެ.

މީގެއިތުން ކާބޯތަކެތި ވިއްކާ ތަންތަނާ އެހެނިގެން ޚިދުމަތް ދޭ ތަންތަނުގައި ޕެސްޓް ކޮންޓްރޯލްކުރުމުގެ ޒިންމާ އަދާކުރަންޖެހޭނީ އެ ތަނެއްގައި ޚިދުމަތްދީ ބަލަހައްޓާ ފަރަތާކުންކަމަށް ޤަވަދުގައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ޢިމާރާތްތަކާ ގޯތިތަކާއި، ސިނާޢީ މަސައްކަތް ކުރާ ތަންތަނާ ހޮޓާތަކާ ގެންސްޓަހުންތަކާއި ތަކެތި ރައްކާކުރުމަށް ބޭނުންކުރާ ގުދަންތަކުގައި ކުރަފި، ފައިދިގު މަކުނު، ސެއްޅި، ތަތްމަކުނު ފަދަ ސޫފި އާލާނުވާނެ ގޮތަށް ތަންތަން ބެލެހެއްޓުމަށްވެސް ގަވައިދު ބާރުއަޅައެވެ. އަދި ވައިގެ މަގުންނާއި ކަނޑު އަދި އެއްގަމުގައި ދުއްވާ އުޅަދުތަކުގައިވެސް ސޫފާސޫފި އާލާވާގޮތަށް ނުބެހެއްޓުމަށް ވަނީ އަންގާފައެވެ.

ޤަވާދުގައި ބުނާގޮތުން ބަލިފަތުރާ ނުވަތަ އުނދަގޫވާގޮތަށް އާލާވާ ސޫފާސޫފި ނައްތާލުމަށް ބޭނުންކުރަންވާނީ މިނިސްޓްރީން ހުއްދަ ދީފައިވާ ކެމިކަލްގެ ބާވަތްތަކެވެ. އަދި ކެމިކަލް ބޭނުންކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭނެއެވެ. މިއާޚިލާފަށް އެއްވެސް ފަރާތަކުން ކެމިކަލް ބޭނުންކުރުމަކީ މަނާކަމެކެވެ. މަދިރިއަށް ފޮގްކުރުމާއި، އެހެނިހެން ކެމިކަލްތައް ބޭނުންކުރާނެ ހާލަތްތަކާ ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތްތައްވެސް ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވައިދުގެ ދަށުން ތަނެއް އިޞްލާހުކުރުމަށް އެންގުމުން އެ މުއްދަތުގެތެރޭގައި އިސްލާހުނުކޮށްފިނަމަ އެތަނަކަށް ޒިންމާވާ ފަރާތް 1000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެކަން ކުރަން އަންގައިފިނަމަ، އެކަން ބަލަން ދާ ފަރާތުން އެ ކަމެއް އިސްލާހުކުރުމަށް ހިނގާ ޚަރަދު އަދާކުރަންޖެހޭނެއެވެ.

މީގެއިތުރުން އެފަދަ ތަނެއް ބަލާ ފާސްކުރަން އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން، އެކަމަށް ހުރަސް އަޅާނަމަ 5000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ކައުންސިލްތަކުން ބަލަހައްޓަންޖެހޭ އާއްމު ތަންތަން ބެލެހެއްޓުމުގައި މި ޤަވައިދާ ޚިލާފަށް ޢަމަލުކޮށްފިނަމަ 5000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެއެވެ.

މި ގަވައިދު މިހާރު ވަނީ ގެޒެޓުކޮށް ޢަމަލުކުރަން ފަށާފައެވެ.