ޚަބަރު

ރާއްޖޭގެ، ފަސް މިލިޔަން ގަސް ޕްރޮގްރާމަށް އެއްބާރުލުންދެއްވުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ގަސް އިންދަވައިފި


ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދެއްވުމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ގަހެއް އިންދަވައިދެއްވައިފިއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ލޮނުޒިޔާރަތް ޕާކުގައި އިންދަވައިދެއްވީ ކާމަރަނގަ ގަހެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ވަޒީރުން ގުޅިގެން ގަސް އިންދާފައިވަނީ އިންޑިޔާ ސަރުކާރުން ކުރިއަށްގެންދާ "ޕްލާންޓް ފޮ މަދަރ" ޕްރޮގުރާމުގެ ރަމްޒެއްގެވެސް ގޮތުންކަމަށެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިމަހުގެ 9 އިން 11 އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ 28 މަޝްރޫޢެއް ނިންމައި ވަނީ ދިވެހި ސަރުކާރާ ހަވާލުކުރައްވާފައެވެ.