ޚަބަރު

ޣައްޒާގެ ސްކޫލަށް ދިން ހަމަލާ ކުށްވެރިކޮށް އިސްރާއީލް ޖަވާބުދާރީ ކުރުވަން ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި


  • ޣައްޒާގެ ތަބިޢީން ސްކޫލަށް ދިން ހަމަލާގައި 100އަށް ވުރެ ގިނަ މީހުން މަރުވި

  • މިހަމަލާއަކީ ޤަތުލްޢާއްމެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވޭ

ޣައްޒާގެ ތަބިޢީން ސްކޫލަށް ދިން ހަމަލާ ކުށްވެރިކޮށް، ޔަހޫދީ އިސްރާއީލު ޖަވާބުދާރީ ކުރުވަން ބައިނަލްއަޤްވާމީ މުޖްތަމަޢުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޣައްޒާގެ ތަބިޢީން ސްކޫލުގައި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ހާސް ބަޔަކަށް ޔަހޫދީ އިސްރާޢީލުން ހޮނިހިރު ދުވަހު ފަތިހު ދިން ހަމަލާގައި ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ޔަހޫދީ އިސްރާއީލުން ދިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބިރުވެރި މަންޒަރުތައް ފެނިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔަހޫދީން ދެމުންދާ ހަމަލާތަކުގައި އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ޔަހޫދީ އިސްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

އަދި މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނާއި ޚިލާފަށް ހިންގަމުންދާ ޢަމަލުތަކެއްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އަދި އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުށްވެރި ކުރައްވާފައިވާއިރު، ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ. އެގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި މިހަމަލާއަކީ ޤަތުލްޢާއްމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ޔަހޫދީ ދައުލަތުން ހިންގި ނަސްލުނައްތާލުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށް ދިވެހި ސަރުކާރުން ވަނީ މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.