ޚަބަރު

އިނގިރޭސިވިލާތުގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވުމެއް


  • 4 ދިވެހި ދަރިވަރުންނަށް މާސްޓަރސް ފުރިހަމަކުރުމުގެ ފުރުސަތުލިބޭނެ

އިނގިރޭސިވިލާތުގައި މާސްޓަރސް ޕްރޮގްރާމް ޙާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ "ޝިވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް" އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއާއި އިނގިރޭސި ސަރުކާރާ ދެމެދުގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ އެވުޒާރާއިން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށެވެ.

އަދި، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެކި ގޮންޖެހުންތަކުން އަރައިގަނެވޭ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއްކަމަށް އެކަމާނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކެރޮން ރޮސްލާ ވިދާޅުވީ އިނގިރޭސި ދަޢުލަތުން ދިވެހިރާއްޖެއަށް ދޫކުރާ ސްކޮލަޝިޕްތަކުގެ އަދަދު އިތުރުވެފައިވުމަކީ އުފާކުރާ ކަމެއްކަމަށެވެ. އަދި މި ސްކޮލަޝިޕްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމު ދާއިރާތަކުން ދޫކުރާ ސްކޮލަޝިޕްތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. މި ސްކޮލަޝިޕްގެ ފުރުސަތުތަކަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށްވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދިވެހި 4 ދަރިވަރަކަށް އިނގިރޭސި ސަރުކާރުގެ ޚަރަދުގައި، އެ ޤައުމުގައި ކިޔެވޭނެ ކަމަށެވެ.