ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ސަރުކާރުން ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ސަރުކާރު ވެރިކަމާހަވާލުވިއިރު ގިނަ ޢަދަދެއްގެ މަޝްރޫއުތައް މަތިވެފައި ހުރި ކަމަށެވެ. އެހެންކަމުން، ސަރުކާރުން އިސްކަން ދެއްވަނީ އެ މަޝްރޫއުތައް ނިންމުމަށް ކަމަށާއި އެގޮތުން، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާވެސް މިހާރު ދައްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާފިޢު ވިދާޅުވީ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން ބޮޑުކަމަށާއި، އެގޮތުން މިހާރުވެސް ހުޅުމާލޭގައި އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެ ސަބަބުން މާލޭގެ ކުޅިވަރު ކުޅޭ އެކި ތަންތަނަށް ލުއިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރާ އެއްޗެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ސަރުކާރުންވެސް އަމަލުކުރާނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށެވެ. ރާއްޖޭގެ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވަނީ އެކަމުގައި ގޮންޖެހުންތަކެއްވެސް ހުރިކަން ފާހަގަކުރައްވާފައެވެ.
"ވަރަށް ބައިވަރު ޕްރޮޖެކްޓުތައް އެބަހުރި. މުޅި ހުރިހާ ޕްރޮޖެކްޓެއް އެއްކޮށްލީމަ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު. އެހެންވެ ޕްރައޮރަޓައިޒްކޮށްގެން އެ ރަށަކުން އެންމެ ބޭނުންވާ އެންމެ މުހިންމު އެއްކަމެއް ދެކަމެއް ބަޖެޓް ކުރެވިފައި އޮތްކަމުގައިވިޔަސް އަޅުގަނޑުމެން ކައުންސިލާ ވާހަކަދައްކައިގެން ކުރިއަށްގެންދަން ގަސްތުކޮށްފައި އޮތީ. އަޅުގަނޑުމެންގެ އުއްމީދަކީ ތިންވަނަ ނުވަތަ ހަތަރުވަނަ ކުއާޓަރގައި ގިނަ ޕްރޮޖެކްތުތައް އިލާންކޮށްގެން ކުރިއަށްގެންދިއުން،" ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ އަހަރުގެ ފަހުކޮޅު މަޝްރޫއުތައް ފަށަން ނިންމާފައިވަނީ ބަޖެޓުގެ ތާށިކަން ހުރުމުން ކަމަށެވެ. އަދި މިހާރު ފެށިފައިހުރި ޕްރޮޖެކްޓުތައް އަހަރުތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތްތަނުގައި މަޝްރޫއުތަކަށް ބަޖެޓް ކުރާއިރު މަދުވެގެންވެސް ޕްރޮޖެކްޓުގެ ހަމައަގުގެ 50 އިންސައްތަ ހިމަނައިދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ބަޖެޓުގައި އެކަށީގެންވާ އަގެއް ހިމެނުމުން މަޝްރޫޢު ފަށާތާ ދެ އަހަރު ތެރޭގައި އެ މަޝްރޫއެއް ނިންމާލެވޭނެ ކަމަށާއި ޕްރޮޖެކްޓުތައް ގިނަ ކުރުމުގެ ބަދަލުގައި ޕްރޮޖެކްޓުތައް ނިމޭވަރަށް ބަޖެޓުގައި ހިމެނުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެދިވަޑައިގެންނެވިއެވެ.