ޚަބަރު

މޭޔަރު އާޒިމް ދެއްވީ ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީން


  • ކަންތައްތައް ކާމިޔާބު ކުރެވޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން

ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ މާލޭސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވުމަށްފަހު އެކި ވުޒާރާތަކުގެ ވަޒީރުންނާއި ބައްދަލު ކުރައްވާ، މާލޭގައި ހުރި ދަތިތަކުގެ ވާހަކަތައް ހިއްސާ ކުރެއްވި ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން މާލޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފެށިތަން ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޓްރެފިކް މައްސަލަ އާއި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ މީގެ ކުރިން ކައުންސިލުން ސަރުކާރާ ކޯޅެމުންދިޔަ މަންޒަރު ފެނިގެންދިޔަ ކަމަށާއި ފާއިތުވި އަހަރުތަކަށް ބަލާއިރު އެކަމުން ވީ ފައިދާއެއް ނެތް ކަމަށެވެ.

މާލެ ސިޓީ އަކީ ޒަމާނުއްސުރެން އަޅާ ނުލެވި އޮތް ތަނެއް ކަމަށާއި އެންމެން ގުޅިގެން ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކަންތައްތައް ކާމިޔާބު ކުރެވޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ބޮޑެތި މީހުންނަށް ވާން އެބަޖެހޭ. ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން ކައުންސިލުން އެބަޖެހޭ ސަރުކާރާއެކު މަސައްކަތް ކުރަން. ކޮންމެ ސަރުކާރެއް އޮތަސް އަޅުގަނޑު މަސައްކަތް ކުރާނީ އެ ސަރުކާރަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރަން. ރައްޔިތުންގެ އުންމީދު ހާސިލް ކޮށްދިނުމަށް އެންމެންނާއި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް މިހިރީ" އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ވެސް ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ މާލެ ސިޓީއަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރެއްވުމަށް މާލެ ސިޓީގެ މޭޔަރާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ވަޒީރު ވަނީ އެމްޑީޕީގެ ފަރާތުން ހޮވިވަޑައިގެން ހުންނެވި އަދި ސަރުކާރަށް ނިސްބަތްވާ ބޭފުޅަކު މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މެމްބަރަކު އެގޮތަށް ވާހަކަ ދެއްކެވުން އެއީ މިހާތަނަށް ފެނުނު މަންޒަރެއް ނޫން ކަމަށެވެ.

ވަޒީރު ވަނީ އާޒިމަކީ މަސައްކަތުގެ މާހައުލުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"މަސައްކަތުގެ މާހައުލުގައި ވަރަށް ޕްރޮފެޝަނަލްކޮށް ގާތް ގުޅުމެއް ބާއްވަމުން މޭޔަރު އާޒިމް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަމުންދަނީ. ކޮންމެ ކަމެއްގައި ވެސް އެކުގައި މަސައްކަތް ކުރަން ކައުންސިލުން ތައްޔާރަށް ތިބިތަން މި ފެންނަނީ" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ސިޓީ ކައުންސިލްތަކާއި އަދި ރަށްރަށުގެ ކައުންސިލްތަކާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ގިނަ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލު ކުރައްވާފައެވެ.