ގޭންގު ކުށްތައް ހިންގާ ފަރާތްތަކަށް ބޮޑެތި ޢަދަބުތައް ކަނޑައަޅައި، ގޭންގުކުށް ހުއްޓުވުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވައިފިއެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނު އެކުލަވާލުމަށް ބޭނުންވާ ބިލުގެ ޑްރާފްޓްގައި ވަނީ، ގޭންގަކީ ކޮބައިކަން މާނަކުރާގޮތާއި، ގޭންގު މެންބަރަކީ ކޮބައިކަމާއި ގޭންގު ލީޑަރަކީ ކޮބައިކަން މާނަކުރާނެގޮތް ތަފްސީލްކޮށްފައެވެ. އެގޮތުން ވަކި ފަރާތަކުން ހިންގާ ނުވަތަ އެފަދަ ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ހިންގާ އަނިޔާވެރި ނުވަތަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ޖިނާޢީ ކުށުގެ ޢަމަލު ހިންގުމުގައި ނުވަތަ އެ ޢަމަލެއް ހިންގުމުގައި ބައިވެރިވާ ނުވަތަ އެހީތެރިވާ ނުވަތަ ރޭވުމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަކީ ގޭންގެއް ކަމަށް ބެލޭނެކަމަށް ޑްރާފްޓް ބިލުގައިވެއެވެ.
- ވަކި ރަށެއްގެ ނުވަތަ ސިޓީއެއްގެ ވަކި މަގުތަކާއި ގޯޅިތަކަކީ ނުވަތަ ޕާކުތަކާއި ޢާންމު ސަރަޙައްދުތަކުގެ ތެރެއިން ވަކި ތަނެއް ނުވަތަ ތަންތަނަކީ އެއީ އެ ފަރާތްތަކުގެ ސަރަހައްދުގެ ގޮތުގައި ބެލެވޭނެ ފަދަ ނިޝާންތަކަކާއި ގްރެފިޓީތައް ނުވަތަ އެނޫންވެސް ނިޝާންތައް ނުވަތަ ވަކި ނަމެއް ނުވަތަ ނަންތައް ލިޔެ ނުވަތަ ކުރަހައި އެ ސަރަޙައްދުގައި ގިނަވަގުތު ހޭދަކޮށް އެއީ އެ މީހުންނަށް ނިސްބަތްވާ ސަރަޙައްދެއްކަން ބަލާބެލުމަށް ސިފަވާގޮތަށް އެ ސަރަޙައްދުތަކުގައި އުޅުން.
- ތަނަކަށް ނުވަތަ ސަރަޙައްދަކަށް ޢާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަޙައްދެއްގައި ގިނަވަގުތު ހޭދަކުރާ ބަޔަކު އެއީ ވަކި އުސޫލުތަކެއް ހިފަހައްޓަން ޖެހޭ މީހެއް ނުވަތަ ބަޔަކު ކަމަށް އެމީހުންގެ މެދުގައި ދެކި ވަކި ނަމެއް ކިޔައިގެން ނުވަތަ ނިޝާނެއް ބޭނުންކޮށްގެން އެ ނަން ނުވަތަ އެ ނިޝާން އެއީ އެ ބަޔެއް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ ނަން ނުވަތަ ނިޝާން ކަމަށް ގަބޫލުކޮށްގެން ވަކި ތަރުތީބަކުން ކަންކަން އިންތިޒާމުކޮށްގެން ހިންގާކަމަށް ބެލެވޭފަދަ ގޮތަކަށް އަމަލުތައް ހުރިކަން ފުލުހުންގެ އިދާރާގައި ރިކޯޑުކުރެވިފައި ހުރި މަޢުލޫމާތުތަކުން އެނގެން އޮތުން.
- ވަކި ތަނަކަށް ނުވަތަ ސަރަޙައްދަކަށް ޢާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަޙައްދެއްގައި ގިނަވަގުތު ހޭދަކުރާ ބަޔަކަށް އިރުޝާދުދޭ ނުވަތަ ކަންކަން ކުރަންވީގޮތް ކިޔައިދޭ ނުވަތަ ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބުނާ ވަކި މީހަކު ނުވަތަ ބަޔަކު ތިބި ކަމަށް އެމީހުންގެ މެދުގައި ގަބޫލުކޮށް އެގޮތަށް ދެކިގެން މަސައްކަތް ކުރާކަމަށް ފުލުހުންގެ އިދާރާގައި ރިކޯޑުކުރެވިފައި ހުރި މަޢުލޫމާތުތަކުން އެނގެން އޮތުން.
- ވަކި ތަނަކަށް ނުވަތަ ސަރަޙައްދަކަށް ޢާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަޙައްދެއްގައި ގިނަވަގުތު ހޭދަކުރާ ބަޔެއްގެ ތެރޭގައި ހިމެނޭ ދެމީހުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކީ ތަކުރާރުކޮށް ޖިނާއީ ކުށްތައް ކުރާކަށް ތުހުމަތުކުރެވޭކަމުގެ ކުށުގެ ރިކޯޑު ފުލުހުންގެ އިދާރާގައި އޮތުން.
- ވަކި ތަނަކަށް ނުވަތަ ސަރަޙައްދަކަށް ޢާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަޙައްދެއްގައި ގިނަވަގުތު ހޭދަކުރާ ބަޔެއްގެ ތެރޭގައި ހިމެނޭ ދެމީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެފަދަ ތަނެއްގައި ތިބޭ ތިބުމުގައި އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު އަމަލުތައް ނުވަތަ އާންމު މަސްލަހަތަށް ގެއްލުންހުރި ޢަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ އިދާރާގައި ރިކޯޑުކުރެވިފައިވާ މަޢުލޫމާތުން އެގެން އޮތުން.
ގޭންގަކުން ހިންގާ ހަރަކާތްތަކުން ނުވަތަ ގޭންގެއްގެ މެންބަރެއްގެ ނުވަތަ ގޭންގެއްގެ ލީޑަރެއްގެ ކިބައިން މާލީ ނުވަތަ މާއްދީ އެހީތެރިކަމަކަށް އެދުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެފަދަ އެހީތެރިކަމެއް ހޯދުމަކީ ކުށެއްކަމަށް މި ޤާނޫނުގެ ޑްރާފްޓްގައި ވަނީ ބުނެފައެވެ.
ގޭންގެއްގެ މެންބަރެއްގެ ނުވަތަ ގޭންގެއްގެ ލީޑަރެއްގެ ނަމުގައި އޮންނަ އެކައުންޓަކުން ނުވަތަ ގޭންގެއްގެ މެންބަރެއްގެ ނުވަތަ ގޭންގެއްގެ ލީޑަރެއްގެ ކޮންޓްރޯލް އޮންނަ ބޭންކް އެކައުންޓަކުން އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެފައިސާ ބޭނުންކޮށްފިނަމަ ނުވަތަ އެފައިސާ އާއި މެދު ގޮތެއް ނުނިންމާ ގިނަވެގެން 2 ދުވަހަށްވުރެ އިތުރަށް އެފައިސާ އެ ޖަމާކުރި އެކައުންޓްގައި ހުރިނަމަ ގޭންގެއްގެ މެންބަރެއް ނުވަތަ ގޭންގް ލީޑަރެއްގެ ފަރާތުން މާލީ އެހީތެރިކަން ހޯދިކަމަށް ބެލެވޭނެ ކަމަށް ވެސް ޑްރާފްޓްގައިވެއެވެ..
މިއި ކުށެއް ސާބިތުވެއްޖެނަމަ މި ޤާނޫނުގެ ފަސް ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް 5 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް މުޢާމަލާތެއް ނުކުރެވޭގޮތަށް ހިފަހައްޓާނެއެވެ. އަދި މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.
ސަރުކާރުން މިފަދަ ޤާނޫނެއް ޑްރާފްޓްކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާއިރު މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށާއި ގޭންގު ކުށްކުރުމުގެ މައްސަލައަށް ހައްލު ގެނައުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާހު ގެނެސްގެންވެސް އެފަދަ ކުށްތައް ހުއްޓުވާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް"އެވެ.