ޚަބަރު

އޮޅުވާލަން އުޅުނަސް، ފަލަސްޠީނުގެ ބިމާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު އޮޅުވައެއް ނުލެވޭނެ: ހުކުރު ޚުޠުބާ


  • މިއަދުގެ ހުކުރު ޚުތުބާ މަޢުޟޫއަކީ " ފަލަސްޠީނާއި މުސްލިމުން"

  • މިމައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް

ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވާ ނުލެވޭނެކަމަށާއި
ފަލަސްޠީނުގެ މައްސަލާގައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށްވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ފަލަސްޠީނާއި މުސްލިމުން" މިމަޢުޟޫއަށެވެ.

ޚުޠުބާގައި ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަކީ މުސްލިމުންގެ ޢަޤީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަމަށެވެ. އަދި ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެކަމަށެވެ.

ޙުޠުބާގައި ވިދާޅުވީ ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެކެވެ. ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދާއިރު، މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާކަމަށެވެ. އަދި މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚިޠުބާގައި ވިދާޅުވީ ރަސޫލާ ވަނީ މުސްލިމުން ބައިތުލްމަޤްދިސް ފަތަޙަކުރާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައިކަމަށެވެ. އެގޮތުން ޤިޔާމަތްވުމުގެ ކުރިން ހަ ކަމެއް ހިނގާނެކަމަށާއި އޭގެތެރޭގައި ރަސޫލާ ސުވަރުގެ ވަޑައިގަތުމާއި، ބައިތުލްމަޤްދިސް ފަތަހަކުރުންވާ ކަމަށެވެ.

ޚިޠުބާގައި ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށެވެ. މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށްޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެކަމަށް ޚިޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންގެ ޙީލަތްތެރި ރޭވުމުގެ ދަށުން، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އިސްލާމީ ޚިލާފަތު ވައްޓައިލައި، ފަލަސްޠީނު އިނގިރޭސިވެރިކަމުގެ ދަށަށް ގެންދިޔަކަމަށެވެ. ޔަހޫދީންގެ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން، ފަލަސްޠީނުގައި އެ މީހުންނަށް ވަޒަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން، ޔަހޫދީން ހޯދިކަމަށެވެ. މި ވަޢުދާ ވިދިގެން ދުނިޔޭގެ އެތަން މިތާނގައި އުޅުނު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރިކުރުވިއެވެ. އިނގިރޭސީންނާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ޔަހޫދީން ހަތިޔާރާއި ތަމްރީނުހޯދައި، ފަލަސްޠީނުގެ ބިމަށް ވެރިވެގަތީއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ފަލަސްޠީނުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ވަޒަނެއް ޤާއިމުކުރީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ޔަހޫދީން 1967 ވަނަ އަހަރު ޤުދުސް ހިފައި އަލްމަސްޖިދުލްއަޤްޞާ އަންދައިލުމުން ޔަހޫދީންގެ އޭރުގެ ދިފާޢީ ވަޒީރު މޯޝޭ ދައްޔާނާ މުޚާޠަބުކޮށް ނޫސްވެރިޔަކު ބުންޏެވެ. މުސްލިމުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނުގައިވާ ފަދައިން އެމީހުން އަލްމަސްޖިދުލްއަޤްޞާއަށް ދެވަނަ ފަހަރަށް ވަންނާނެތެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ހާސް ނުވާށެވެ! މިޖީލުގެ މީހުން ނުވަންނާނެތެވެ. އެ ކަން ވާނީ ހުކުރު ނަމާދަށް ދާ މުސްލިމުންގެ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ. " ޚުޠުބާގައި ވިދާޅުވިއެވެ.

ޚިޠުބާގައި ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު މިއަދު މިވަނީ، ދެ ބިލިޔަނަށް އަރައިފައިވާ ކަމަށާއި ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިޔަންކަމަށެވެ.
އަދި މިފަދަ މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުން ކަމާއި މެދު ސުވާލު އުފައްދާ ޚުޠުބާގައި ވިދާޅުވީ މީގެ ޖަވާބު ކީރިތި ރަސޫލާ ވަނީ، ދެއްވައިފައިވާކަމަށެވެ.

" ރަސޫލާ ޙަދީޘްކުރައްވައިފައިބާ ބަސްފުޅެއްގެ މާނައީ: "ބަޔަކަށް ޖާފަތަކަށް އަންނާން ގޮވުމުން، އެބައިމީހުން އައިސް ކާތަކެތީގެ މަށްޗަށް އަރައިގަންނަ ފަދައިން، އުންމަތްތައް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނަ ދުވަސް ގާތްވެއްޖެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އެކަން އެ ދުވަހަކުން ވާނީ ތިމަންމެންގެ ބައި މަދުވެގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އަދި ކިއެއްހެއްޔެވެ؟ އެ ދުވަހަކުން، ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު، ތިޔަބައިމީހުން ވާހުށީ، އޮއިކުނިތަކެއް ފަދަ އެއްވެސް އަގެންނެތް ބަޔަކަށެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން މާތް ﷲ ، އެ ހިތްތަކުން ނެރެލައްވައިފާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް ވަހުނު ވައްދަވައިފާނެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އޭ، اللهގެ ރަސޫލާއެވެ! ވަހުނަކީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ، ދުނިޔެއަށް ދަހިވެތިވުމާއި، މަރަށް ނުރުހުންތެރި ވުމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚިޠުބާގައި ވިދާޅުވީ އިސްލާމީ އުންމަތަށް ކުރިން ލިބުނު ޢިއްޒަތާއި ކަރާމާތް ލިބޭނީ، ކީރިތި ޤުރްއާނާއި ރަސޫލާގެ ޠާހިރު ސުންނަތަށް ރުޖޫޢަވެ ދީނުގައި އަންގަވައިފައިވާ ގޮތުގައި ސާބިތުވެތިބެގެންކަމަށެވެ.