ޚަބަރު

ހުޅުމާލޭގައި ޑައިވް ސެންޓަރަކާއި މެދުފަންތީގެ ތިން ހޮޓާ ތަރައްޤީކުރަން ހުޅުވާލައިފި


  • ހޮޓާތައް ތަރައްޤީކުރަން ހުޅުވާލީ ފޭސް 2 އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނުން

  • ޑައިވް ސެންޓަރެއް ތަރައްގީކުރުމަށް ހުޅުވާލާފައިވަނީ ފޭސް 1 އިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މެދުފަންތީގެ ތިން ހޮޓާ ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓު ކޯރޕަރޭޝަން، އެޗްޑީސީއިން ބުނީ އެ މަޝްރޫއު ހަވާލުކުރުމުގައި އިސަކަންދޭނީ ލޭންޑް ލީސް މޮޑެލްއަށްކަމަށެވެ. އެހެން ނަމަވެސް، އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާފައިވާ ވިޔަފާރީގެ މޮޑަލްއާއި، މަސައްކަތުގެ ތަޖުރިބާ އާއި އިޖުތިމާ ޒިންމާ، ސީއެސްއާރު ހިމެނޭކަމަށް އެޗްޑީސީއިން ބުނެއެވެ.

ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން އީއޯއައި ހުށަހަޅަންޖެހެއެވެ.

އެޗްޑީސީއިން ވަނީ ހުޅުމާލޭ ފޭސް އެކެއްގައި ޑައިވް ސެންޓަރެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ އީއޯއައިގައި ޑައިވް ސެންޓަރުގައި ހިމަނާނެ އިކުއިޕްމަންޓްސްއާއި، ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތަކުގެ ތަފްސީލު ހިމަނަންވާނެ ކަމަށެވެ.

އެ މަޝްރޫއަށް ޝައުގުވެރިފާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީވެސް މިމަހުގެ 29ވަނަ ދުވަހެވެ.