ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ޖެހެމުންދާ ގަދަ ވައި މަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަދުވަހުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ގަދަވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރެއަށް ވައި ޖެހޭނީ ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އަންނަ އަންގާރަ ދުވަހުން ފެށިގެން ވައި މަޑުވާނެކަމަށް ލަފާރެވޭކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލެއް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން 12:30 އަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެެވެ.
Yellow Alert for strong winds and heavy rain with rough seas. pic.twitter.com/HjjDhHVI8I
— Maldives Meteorology (@MetMaldives) August 17, 2024
މީގެ އިތުރުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލެއްވެސް ވަނީ ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު 1:00 އަށެވެ. މި ސަމާލުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ވައި ގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފާވާއިރު، މޫސުމަށް ސަމާލުވެ، ކަނޑު ދަތުރުފަތުރުކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.