ޚަބަރު

ޕީއެފްއޭގެ މޮޅު ކުޅުންތެރިއަކަށް ފޯޑެން، ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޕާމާ އަށް


ޕްރޮފެޝަނަލް ޕްލޭއާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ، ފިލް ފޯޑެން އަދި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމް ޗެލްސީގެ ކޯލް ޕާމާ ހޯދައިފި އެވެ.

މިއީ 2010-2009 ގެ ސީޒަނުގައި ވޭން ރޫނީ އާއި ޖޭމްސް މިލްނަރ އަށްފަހު، އިނގިރޭސިވިލާތުގެ ދެ ކުޅުންތެރިއަކަށް މި ދެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ސީޒަނުގައި ފޯޑެން ވަނީ 35 މެޗުގައި 19 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި ހަތަރު ވަނަ ފަހަރަށް ޕްރިމިއަރ ލީގު މެންޗެސްޓަރ ސިޓީން ހޯދިއިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި 23 އަހަރުގައި އޭނާ ވަނީ 6 ލީގު ޓައިޓަލް ހޯދާފައެވެ.

މީގެ އިތުރުން މިިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ޕްރޮފެޝަނަލް ރައިޓަރސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައިވަނީ ފޯޑެން އެވެ.

ޕީއެފްއޭގެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ ޕާމާ ހޯދާފައިވާއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 34 މެޗުގައި 22 ގޯލު ކާމިޔާބުކޮށްފަ އެވެ.

ޗެލްސީގައި ދެއްކި މޮޅު ކުޅުމާއިއެކު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދިޔަ އިންގްލެންޑްގެ ސްކޮޑުގެ ޖާގައެއް ހޯދާ އޭނާ ވަނީ ޔޫރޯގެ ފައިނަލުގައި ސްޕޭނާއި ދެކޮޅަށް ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޭނުން ކާމިޔާބުކޮށްފައިވަނީ 2-1 އިން އިންގްލެންޑް ބަލިކުރުމަށްފަހުގަ އެވެ.