ޚަބަރު

ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީ ދަރިވަރުން ހުވާކޮށް ވައިޓް ކޯޓު ހަވާލުކޮށްފި


  • ވައިޓް ކޯޓަކީ ޑިގްރީ ދަރިވަރުން ޢަމަލީބައި ފެށިކަން އަންގައިދޭ ރަމްޒެއް

  • ޕާމަސީ ޑިގްރީއަށް ވިލާ ކޮލެޖުގައި 34 ދަރިވަރުން ކިޔަވާ

ވިލާ ކޮލެޖުގައި ފާމަސީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހުވާ ލައިދީ ވައިޓް ކޯޓު ހަވާލުކޮށްފިއެވެ. މިއީ ވިލާ ކޮލެޖުގައި ފާމަސީ ޑިގްރީގެ ފުރަތަމަ ބެޗްގެ ދަރިވަރުންނެވެ.

ވައިޓް ކޯޓަކީ ފާމަސީ ކިޔަވާ ދަރިވަރުން ޢަމަލީ ބައި ފެށުމުން، އެކަން ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ބައިނަލްއަޤްވާގޮތުންވެސް މިކަން ކުރާ ގޮތެެވެ. ވިލާ ކޮލެޖަކީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލުކުރާ ރާއްޖޭގެ ފުރަތަމަ ކޮލެޖެވެ.

ފާމަސީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ފުރަތަމަ ބެޗުގައި ޖުމްލަ 34 ދަރިވަރުން ހިމެނެއެވެ. އޭގެތެރެއިން 22 ދަރިވަރުންނަށް ހުވާލައިދީ ވައިޓް ކޯޓު މިއަދު ޙަވާލުކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ.އަޙުމަދު އަޝްރަފްއެވެ. މި ބެޗުގައި ހިމެނޭ 12 ދަރިވަރުންނަށް ހުވާ ލައިދީ ވައިޓް ކޯޓު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މި ރަސްމިއްޔަތުގައި ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީން ޢައިޝަތު މާލާ ވިދާޅުވީ ވައިޓް ކޯޓާކީ ފާމަސީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ތިޔަރީ ނުވަތަ ޢިލްމީ ބައިގެ އިތުރުން ކޯހުގެ ޢަމަލީ ބައި ފަށައިފިކަން ދޭހަކޮށްދޭ މާނަހުރި ސަޤާފަތެއްކަމަށެވެ. މިއީ ބައިނަލްއަޤްވާމީގޮތުން ބަލާގަންނަ ވަރަށް މުހިންމު ރަމްޒެއްކަމަށާއި ވިލާ ކޮލެޖަކީ މިކަމަށް ރާއްޖޭގައި އިސްނެގި ފުރަތަމަ ކޮލެޖުކަމަށް މާލާ ވިދާޅުވިއެވެ.

"ފާމަސިސްޓުންނަކީ ސީދާ ބަލިމީހުންނާ މުޢާމަލާތްކުރާ ބައެއް. ހެލްތް ކެއަރގައި ބޮޑު ދަޢުރެއް އޮންނަ ބައެއް. ބޭސް އުފެއްދަން މި ކޯހުގައި އެބަ ދަސްކުރޭ. ދަރިވަރުންގެ ތަޙުލީލުތައް ގެންދަނީ ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީގައި. ހުދު ކޯޓުގައި ދަރިވަރުންނަށް ޕްރެކްޓިކަލް ބައި ގެންދެވެނީ. މިއީ މި ޚިދުމަތުގެ ހައިބަތު ބޮޑުކަން ދައްކުވައިދޭ ކަމެއް." ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީން ޢައިޝަތު މާލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ.އަޙުމަދު އަޝްރަފް ވިދާޅުވީ ހެލްތް ސެކްޓަރގެ މަސައްކަތްތަކަކީ ކޮންމެ ރައްޔިތަކާ ގުޅިފައި އޮންނަ ޚިދުމަތެއްކަމަށެވެ. އެހެންކަމުން މި ދާއިރާގެ އެކި ޚިދުމަތްތަކަށް ނިކުންނަ ދަރިވަރުންނަކީ ވަރަށް ޕްރޮފެޝަނަލް މަސައްކަތްތެރިނަން ވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ.

"ޕްރޮފެޝަނަލުން ސިއްޙީ ދާއިރާއަށް ނެރުމަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ. މިއީ ވަރަށް ޓަރންއޯވާ މަތި ދާއިރާއެއް. އެއްމެ ބޮޑު އަމާޒަކީ ދިވެހިން މި ދާއިރާތަކުން ގިނަކޮށް، ވަޒީފާރަކުގައި ހިފެހެއްޓުން." ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ.އަޙުމަދު އަޝްރަފް ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.ޢަލީ ނަޖީބު ވަނީ، ވިލާ ކޮލެޖުން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ މުޖުތަމަޢު ގަބޫލުކުރާ އަޚްލާގީ މިންގަނޑަށް ފެތިގެން މަސައްކަތްކުރާ މަސައްކަތްތެރިންނަށް ވާނެކަމަށެވެ.

ވިލާ ކޮލެޖުމް ޕާމަސީގެ ބެޗެލަރސް ޑިގްރީ ކޯސް ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިއީ 4 އަހަރުގެ ޕްރޮގްރާމެކެވެ.