ޓުއަރިޒަމް

ވަޒީފާތަކަށް ރިސޯޓްތަކުންވެސް ބޭނުންވަނީ ދިވެހިން- މިނިސްޓަރ


ރާއްޖޭގައި މިހާރު ހުރި ރިސޯޓްތަކުގެ އިތުރަށް ސަރުކާރުގެ އަމާޒެއް ކަނޑައަޅުއްވައިގެން އަލަށް 50 ރިސޯޓް ތަރައްޤީކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދެކެވެ. 2018 ގެ ނޮވެމްބަރުމަހުގައި ހަމަވާ މިހާރުގެ ރިޔާސީ ދައުރު ނިމޭއިރު، މި ވަޢުދު ފުއްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޓޫރިޒަމް މިނިސްޓަރ ދެއްވައެވެ. ސަރުކާރުގެ މި އަމާޒަށް ވާޞިލްވެވަޑައިގަތުމަށް ކުރައްވާ މަސައްކަތުން މިހާރުވެސް ބައެއް ރިސޯޓްތައް ހުޅުވާފައިވާކަން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ފާހަގަކުރެއްވިއެވެ. އަދި ބައެއް ރަށްރަށް، ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

50 ރިސޯޓް ނިމޭއިރު މިތަންތަނަށް ބޭނުންވާ ފަންނީ، ޤާބިލް ދިވެހިން އުފެއްދުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިރިސޯޓްތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަށާއި މިގޮތަށް ތަމްރީންކުރާ އެއްވެސް މީހަކީ ވަޒީފާއެއް ނުލިބި ބޭކާރުވާނެ މީހެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14643589810447.jpg|ފަތުރުވެރިކަމުގެ ދާއިރާއިން 1000 މީހުން ތަމްރީންކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

މިނިސްޓަރ ޒަމީރު ވިދާޅުވީ، ދާދި ފަހުން ފަންސާހަށްވުރެ ގިނަ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާ، ބައްދަލުކުރައްވާފައި ވާނެކަމަށާއި މި ބައްދަލުވުންތަކުން އެނގިވަޑައިގަތީ، ރިސޯޓްތަކުގެ ވަޒީފާއަށް ބޭނުންވަނީ ބޭރު މީހުންނަށްވުރެ ބޮޑަށް ދިވެހިންކަން އެނގިގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ރާއްޖޭގެ އުތުރަށް އެންމެ އެދެވޭގޮތަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނުވަނީ ދަތުރުފަތުރުގެ ދަތިކަން ހުރުމުގެ ސަބަބުންކަމަށާއި ނަމަވެސް އުތުރުގައި އަލަށް ހައްދަވާ ތިން އެއަރޕޯޓާއެކު މިމައްސަލަވެސް ޙައްލުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ސަރުކާރުން މިހާރު ގެންދަވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކުރައްވައިގެން 1000 ދިވެހިން، ފަންނީ އެކި ރޮނގުތަކުން ތަމްރީންކުރެއްވުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގަވަމުންނެވެ.