ޚަބަރު

އިންގްލަންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ


އިނގިރޭސިވލާތުގެ ކުރީގެ ކޯޗު ސްވިޑަންގެ ސްވެން ގޯރަން އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އިނގިރޭސި ގައުމީ ޓީމަށް ފަސް އަހަރު ދުވަހު ކޯޗު ކޮށްދީފައިވާ އުމުރުން 76 އަހަރުގެ އެރިކްސަން މަރުވެފައިވަނީ ފުރަމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

2001 ވަނަ އަހަރު އިނގިރޭސި ގައުމީ ޓީމާއި ހަވާލުވުމުގެ ކުރިން އެރިކްސަން ވަނީ ސްވިޑަން، ޕޯޗުގަލް އަދި އިޓަލީގެ ކްލަބްތަކަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ސިޓީ، ލެސްޓަރ ސިޓީ، އިޓަލީގެ ލާޒިއޯ، ފިއޮރެންޓީނާ، ސަމްޕްޑޯރިއާ އަދި ރޯމާއަށް ކޯޗުކޮށްދީފަ އެވެ.

މީގެ އިތުރުން އެރިކްސަން ވަނީ ފިލިޕީންސް އާއި އައިވަރީ ކޯސްޓްގެ އިތުރުން މެކްސިކޯގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފަ އެވެ.

2001 އިން 2006 ގެ ނިޔަލަށް އިނގިރޭސި ގައުމީ ޓީމަށް ކޯޗުކޮށްދިން އެރިކްސަން ވެފައިވަނީ އެ ގައުމުގެ ގައުމީ ޓީމާއި ހަވާލުވި އިނގިރޭސިވިލާތަށް އުފަން ނޫން ފުރަތަމަ ކޯޗަށެވެ.

އެރިކްސަން ފަސް އަހަރު ދުވަހު އިނގިރޭސި ޓީމަށް ކޯޗުކޮށްދީފައިވާއިރު ތަށްޓެއް ހޯދިފައިނުވި ނަމަވެސް އޭނާވަނީ ބޮޑު ތިން މުބާރާތުގެ ކުއާޓަރ ފައިނަލަށް އިނގިރޭސިން ގެންގޮސްދީފައެވެ.

އެރިކްސަން މަރުވުމާއި ގުޅިގެން މުޅި ދުނިޔޭގެ ވެސް ފުޓްބޯޅަ އާއިލާގެ ގިނަ ފަރާތްތަކުން ވަނީ އެކަމާއި ހިތާމަކޮށް ތައުޒިޔާ ކިޔާފަ އެވެ.