ޚަބަރު

އެއްވަނަ ސީޑް ސްވިއަޓެކް އާއި ސިނާ ދެވަނަ ބުރަށް


އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓްގެ އެއްވަނައަށް ސީޑް ކޮށްފައިވާ އިގާ ސްވިއަޓެކް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ނިއު ޔޯކްގެ ފްލަޝިންގ މެޑޯޒްގައި ކުރިއަށްދާ މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޕޮލޭންޑްގެ ސްވިއަޓެކް ހޯދާފައިވަނީ ރަޝިޔާގެ ކަމީލާ ރަހިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗު 6-4 އަދި 7-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

2022 ވަނަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ސްވިއަޓެކް ވަނީ މި މެޗުގައ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗު ކާމިޔާބުކުރުމަށް އޭނާ ވަނީ އެއް ގަޑިއިރާއި 52 މިނިޓް ހޭދަކޮށްފަ އެވެ.

މި މުބާރާތުގެ ފިރިހެން އިވެންޓްގައި އިއްޔެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ ވަނީ އުދަނގޫ ކުޅުމަކަށްފަހު ދެ ވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރިކަމަށް ޕޮޒިޓިވްވެ ދާދި ފަހުން އެކަމުން ސަލާމަތްވި ސިނާ، އެމެރިކާގެ މެކެންޒީ މެކްޑޮނަލްޑް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައިވަނީ 2-6، 6-2، 6-1 އަދި 6-2 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ކުރިން ސިނާ ވަނީ އޭނާގެ ޓެރާނަރު އަދި ފިޒިއޮތެރަޕިސްޓްވެސް ވަކިކޮށްފަ އެވެ. އަދި ގިނަ ކުޅުންތެރިން ވަނީ ސިނާ އާއިމެދު ބައިނަލްއަގްވާމީ ޓެނިސް ފެޑަރޭޝަނުން އަމަލު ކުރި ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަމަށް ފާޑު ކިޔާފައެވެ. އަދި ހުރިހާ ކުޅުންތެރިންނާއިމެދު ހަމަހަމަ އުސޫލަކުން ކަންތައް ކުރުމަށްވެސް ކުޅުންތެރިން ވަނީ ގޮވާލާފައެވެ.