ޚަބަރު

ވެލެންސިއާގެ ކީޕަރު މަމަރްދަޝްވިލީ ލިވަޕޫލަށް


ސްޕޭނުގެ ވެލެންސިއާގެ ގޯލުކީޕަރު ޖޯޖިއާގެ ޖޯޖީ މަމަރްދާޝްވިލީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ގެންނަން އެ ކުލަބުން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 23 އަހަރުގެ ކީޕަރު ލިވަޕޫލްއަށް ގެންނަނީ 29 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. އޭގެ ތެރެއިން 4 މިލިއަން ޕައުންޑަކީ އެޑްއޮންގެ ގޮތުގައި ލިބޭ ފައިސާ އެވެ.

މަމަރްދާޝްވިލީ ގެންނަން ލިވަޕޫލް އިން އެއްބަސްވި ނަމަވެސް މި ސީޒަނުގެ ނިޔަލަށް އޭނާ ސްޕޭނުގެ ވެލެންސިއާގައި މަޑުކުރާނެ އެވެ. އަދި ލިވަޕޫލް އާއި ގުޅޭނީ ކުރިއަށް އޮތް 2025-2926 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިންނެވެ.

ލިވަޕޫލްގެ އެއްވަނަ ކީޕަރަކީ އަދިވެސް ބްރެޒިލްގެ އެލިސަން ބެކާ އެވެ. އޭނާ ވަނީ ދާދި ފަހުން ސައުދި އަރަބިއްޔާގެ ކްލަބަކުން ލިބުނު ހުށައެޅުން ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ.

އޭނާ ވަނީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖޯޖިއާ ކުޅުނު ހަތަރު މެޗުގައިވެސް އެޓީމުގެ ގޯލު ބަލަހައްޓާފައެވެ.

2021 ވަނަ އަހަރު ސްޕޭނުގެ ވެލެންސިއާ އާއި ގުޅުނު މަމަރްދާޝްވިލީ ވަނީ ވެލެންސިއާއަށް 102 މެޗު ކުޅެދީފައެވެ. އަދި މި ސީޒަނުގައި ވެލެންސިއާ ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ އެ ކްލަބުގެ ގޯލު ބަލަހައްޓާފަ އެވެ.