ޚަބަރު

ދިވެހިބަހުގެ އެކެޑަމީގެ "ފެންޑާ މައުރަޒު" ފަށައިފި


  • މި މައުރަޒު ކުރިއަށްދާނީ މިއަދާއި މާދަމާ

  • މިއީ މި ފޮތް މައުރަޒު މިއަހަރު ބާއްވާ ދެވަނަ ފަހަރު

  • ވާހަކައާއި ތާރީޚީ ގިނަ ފޮތްތަކެއް ހެޔޮ އަގެއްގައި ލިބެން ހުންނާނެ

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން ބާއްވާ "ފެންޑާ މައުރަޒު 2024" ފަށައިފިއެވެ.

މި ފޮތް މައުރަޒަކީ ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ މައުރަޒެކެވެ. އެގޮތުން މިއީ މި މައުރަޒު މިއަހަރު ބާއްވާ ދެވަނަ ފަހަރެވެ.

މިފަހަރުގެ ފެންޑާ މައުރަޒު ކުރިއަށްދާނީ މިއަދާއި މާދަމާ ހެނދުނު 10 އިން ހަވީރު 5 އަކަށް ދިވެހިބަހުގެ އެކެޑަމީގައެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ، މި މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެންހުންނަ ކުޑަކުދިންނާގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، ބަހާއި އަދަބިއްޔާތުގެ ފޮތްތަކާއި، ވާހަކައާއި ނާވިލު ލިބެން ހުންނާނެކަމަށެވެ.

މި ފޮތްތަކުގެ ތެރޭގައި "ދިވެހިބަހުގެ ގަވައިދު 1،2،3،4"، "ބަހުގެ ހަމައިގެ އަތްމަތީފޮތް"، "ފަހުބަސް"، "ޖަމީލުގެ ޑްރާމާތައް" ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާ ރަނިރަނިކަނބަލުންގެ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން" ދިވެހި ބަހުންނާއި އިނގިރޭސިބަހުން ލިބެން ހުންނާނެކަމަށް ބަހުގެ އެކެޑަމީން ވިދާޅުވިއެވެ.

މިފަހަރުގެ ފޮތް މައުރަޒުގައިވެސް ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކާއި، ބައެއް އަމިއްލަ ފަރާތްތަކުގެ ފޮތްވެސް ލިބެން ހުންނާނެކަމަށާއި، ފޮތް ގަންނަން ލިބެން ހުންނާނީ އެ އެކެޑަމީން އާންމުކޮށް ފޮތް ވިއްކާ އަގުތަކަށްވުރެ ހެޔޮ އަގެއްގައިކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވިއެވެ.